އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައި މިއަދު މުޅި ރާއްޖޭގައި އަޑު އުފުލައިފިއެވެ.

"ދިވެހިން ފަލަސްތީނާއެކު" މި ޝިއާރުގެ ދަށުން އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިންތިޒާމް ކޮށްގެން މާލޭގައި މިއަދު ހަވީރު ވަނީ ސައިކަލް ބުރެއް ބާއްވާފައެވެ. ގިނަބަޔަކު ވަނީ މި ސައިކަލް ބުރުގައި ބައިވެރިވެ ފަލަސްތީނަށް، ދިވެހިންގެ ހިތުގައި އޮތް ލޯބި ވަރަށް ފުރިހަމައަށް ދައްކުވާލާފައެވެ.

Ad
rt

މާލޭގައި ކުރިއަށް ދިޔަ ސައިކަލްބުރު ރަސްފަންނުން ފަށައިގެން މަޖީދީ މަގުގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތުގެ ނިންމުން ބާއްވާފައި ވަނީ ހެންވޭރު އާޓިފިޝަލް ބީޗު ސަރަހައްދުގައެވެ. އެތަނުގައި ގިނަބަޔަކު ވަނީ އިޒްރޭލުގެ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް އަޑު އުފުލާފައެވެ. ފަލަސްތީނުގެ ބިންތަކުން ޔަހޫދީން ފޭބުމަށް ގޮވާލާފައެވެ.

މިއަދި ހަވީރު ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ރަށްތަކެއްގައި ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމުގެ ހަރަކާތްތައް ބާއްވާފައެވެ. މި ހަރަކާތްތަކުގައި ވަނީ އެ ރަށްރަށުގެ ކުދިބޮޑު އެންމެން ބައިވެރިވެފައެވެ. ފަލަސްތީނަށް އެހީތެރިވުމުގެ ގޮތުން ފައިސާ ހޯދުމުގެ ހަރަކާތްތައް ވެސް މި އިވެންޓްތަކާއި ގުޅުވައިގެން ބައެއް ރަށްރަށުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

އައިއޭސީއާއި ދިވެހި މީޑިއާތައް ގުޅިގެން ފަލަސްތީނުގެ މީހުންނަށް އެހީވުމަށް ފަންޑު ހޯދުމަށް މިއަދު ވަނީ ޓެލެތޯންއެއް ވެސް ފަށާފައެވެ. އެ ޓެލެތޯން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

ފަލަސްތީނުގެ ދިފާއުގައި މަސައްކަތްކުރާ ހަމާސް ޖަމާއަތުން މިދިޔަ ހޮނިހިރު ދުވަހު އިޒްރޭލަށް ދިން ކުއްލި ހަމަލާތަކަށް ފަހު އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އިޒްރޭލުން އަންނަނީ ފަލަސްތީނަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.