ހއ. ހޯރަފުށި ތަމްސީލު ކުރާނެ ކުޅިވަރު ޓީމުތަކެއް އެކުލަވާލަން ނިންމައި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނަން ނޯޓު ކުރުމަށް އެރަށު ކައުންސިލުން ހުޅުވާލާއިފިއެވެ.
އެ ކައުންސިލުން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ ވޮލީބޯލް، ހޭންޑް ބޯލް އަދި ފުޓްސަލުން އެރަށް ތަމްސީލުކުރާނެ ޓީމުތަކެއް އެކުލަވައިލުމަށް ބޭނުންވާ ކަމަށެވެ.
އެގޮތުން ވޮލީ ބޯލުގައި އަންހެން އަދި ފިރިހެން ޓީމު ނެގުމަށް ނިންމާފައިވާއިރު، ހޭންޑްބޯލް ގައި ނަގަނީ އަންހެން ޓީމެކެވެ. އަދި ފުޓްސަލްގައި ނަގަނީ ފިރިހެން ޓީމެކެވެ.
މި ޓީމުތަކުގައި ނަން ނޯޓު ކުރުމުގެ ފުރުސަތު މި ހިނގާ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު 2 ޖެހުމާއި ހަމައަށް ވަނީ ހުޅުވައިލާފައެވެ. އަދި https://forms.office.com/pages/responsepage.aspx?id=bh8sE-4Yyk2WXGiCYR05etG3SyqvmdtOlgSr-KhPnCJUMlVDQzMxMjc1RVJITjZZQ1hITVVaRDY4Ny4u މި ލިންކުން ނަން ނޯޓު ކުރެވޭނެއެވެ.
ހޯރަފުށި ކައުންސިލުން ވިދާޅުވީ މިކުޅިވަރުތަކުން ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ޓްރެއިނިން ޕްރޮގްރާމުތަކާއި ކޯޗިން ކޭމްޕުތައް އަދި އެކުވެރިކަމުގެ މެޗުތައް ރާވައި، އިންތިޒާމު ކުރެވޭނެ ކަމަށެވެ. އަދި ޓީމުތަކުގެ ޕްރެކްޓިސް އާއި ޓްރެއިންތައް ރާވައި، ހިންގާ އެކުވެރިކަމުގެ މެޗުތައް މައިގަނޑުގޮތެއްގައި ކުޅޭނީ އެރަށުގައި ކަމަށެވެ.
މީގެ އިތުރުން ކުޅިވަރުތަކުގެ ފައިނަލް ލިސްޓު އެކުލަވައިލުމުގައި އިސްކަންދޭނީ ޓީމުތައް އެކުލަވައިލުމަށް ހިންގާ ތަފާތު ޕްރޮގްރާމުތަކުގެ ތެރެއިން ކަމަށް ވެސް ހޯރަފުށި ކައުންސިލުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!