އައު ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަކުރެއްވުމުގައި، ޔޫ.އޭ.އީ ސަރުކާރުގެ އެހީތެރިކަމާއި ޔޫ.އޭ.އީގެ ވިޔަފާރިވެރިންނާއި ވުނޭރުންގެ ބައިވެރިވުމަށް ރާއްޖޭގެ އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިންތީހާބީ ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގައި، ޔޫ.އޭ.އީ އާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މި ގުޅުމުގެ ތެރެއިން، އަރަބި އިސްލާމީ ގައުމުތަކާ އޮންނަ ގާތްކަން މިހާރަށްވުރެ ބަދަހިވެގެންދިޔުމަށް ވަރަށް ބޮޑަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެެވެ. އަދި ޔޫ.އޭ.އީގެ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ އެހީތެރިކަމަށާއި ދިވެހި ދަތުރުވެރިންނަށާއި ވިޔަފާރިވެރިންނަށް ފަހިކޮށްދެއްވަމުންގެންދަވާ ފަސޭހަތަކަށްޓަކައި ވަނީ ޝުކުރުއަދާކުރައްވާފައެވެ.
އެކުވެރި އަރަބި އިމާރާތުން ކަނޑައަޅުއްވާފައިވާ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެ-ޔޫ.އޭ.އީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައި ވެއެވެ.
މި ބައްދަލުވުމުގައި، އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!