ހިގަމުންމިދާ ސަރުކާރުން، އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އުއްމީދުކުރައްވާކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޑރ. މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، މުއިއްޒުގެ ރިޔާސީ ދައުރުގައި، އިންޑިއާ އެކު އޮންނަ ގުޅުން ސިޔާދަތީ އިހުތިރާމުގެ އަސާސްތަކުގެ މައްޗަށް އިޢާދަކުރައްވައި، ޒަމާނުއްސުރެ އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަ ހާއްސަ ގުޅުން ހަރުދަނާކުރައްވައި އިތުރު އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް، ދިވެހި ރައްޔިތުން ނިންމެވި ނިންމެވުން ތަކުރާރުކުރައްވަވައި، އެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވެސް ވިދާޅުވިއެވެ.
އިންޑިއާ ސަފީރުގެ ވާހަކަފުޅުގައި ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.
ހަމަ މިއާއެކު ރާއްޖޭގެ ސިޔާދަތީ މުސަތަޤިއްލުކަމަށް ފުރިހަމައަށް އިހުތިރާމުކުރައްވާނެކަމުގެ ޔަގީންކަން ދެއްވެވައި، ލޯނުތައް އަދާކުރުމުގައި ފަހި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް މަޝްވަރާކުރުމަށް ތައްޔާރަށް ތިއްބެވިކަމަށް ވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!