ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ ރޭ އިއުލާން ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރެއްވި ރަސްމީ ނަތީޖާއިން ދައްކާގޮތުގައި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ލިބިވަޑައިގަތީ 129159 ވޯޓެވެ. ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގަތީ 109868 ވޯޓެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓު ދިނުމުގެ ހައްގު 282804 މީހުންނަށް ލިބިފައިވާއިރު، ވޯޓު ލާފައިވަނީ 246915 މީހުންނެވެ. ސައްހަ ވޯޓުގެ ގޮތުގައި 239027 ވޯޓު އޮތްއިރު، ބާތިލު 7888 ވޯޓު ފާހަގަކުރައްވާފައި ވެއެވެ.
މީގެ އިތުރުން ވޯޓުލީ މީހުންގެ އިންސައްތައަކީ 87.31 އެވެ.
ރާއްޖޭގެ ވެރިކަމުގައި ކުރިއަށް އޮތް ފަސް އަހަރަށް ހުންނަވާނެ ބޭފުޅަކު އައްޔަން ކުރުމަށް ބޭއްވި ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ. ނަމަވެސް ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީ، ސެޕްޓެމްބަރު 30 ވަނަ ދުވަހު ވަނީ ދެވަނަ ބުރެއްގައި ވޯޓުލުން ބާއްވަފައެވެ.
ދެވަނަ ބުރުގައި ވާދަކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒު އާއި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ސާލިހެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!