އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ފުލަމް ބައްދަލުކުރި މެޗު، ޗެލްސީން ކާމިޔާބު ކޮށްފިއެވެ. ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.
ނަތީޖާތައް ދަށްވުމުގެ ސަބަބުން ޕްރެޝަރަށް ވެއްޓިފައިވާ ޗެލްސީއަށް މިއީ މުހިންމު މޮޅެކެވެ. މި ސީޒަންގައި މިހާތަނަށް ކުޅުނު 7 މެޗުގެ ތެރެއިން މިއީ އެ ޓީމް މޮޅުވި ދެވަނަ މެޗެވެ. މިވަގުތު ޗެލްސީ އޮތީ ޕޮއިންޓް ތާވަލުގެ 11 ވަނާގައެވެ. އެ ޓީމަށް 7 މެޗުން ލިބިފައި ވަނީ 8 ޕޮއިންޓެވެ. މެޗުން ބަލިވި ފުލަމް އޮތީ 13 ވަނާގައެވެ. އެ ޓީމަށް ވެސް ވަނީ 7 މެޗުން 8 ޕޮއިންޓް ލިބިފައެވެ.
ރޭ މެޗުން ޗެލްސީ މޮޅުވީ ފުރަތަމަ ހާފުގެ، ފުރަތަމަ ވިހި މިނެޓްތެރޭ ކާމިޔާބުކުރި ދެ ލަނޑުންނެވެ. ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ލެވީ ކޮލްވިލްސް ފުލަމްގެ އޭރިއާތެރެއަށް ޗިޕް ކޮއްލި ބޯޅަ މެއިން ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ތިރީކަނަށް ވައްދާލައިގެން ކާމިޔާބު ކޮށްދިނީ މުޑްރިކެވެ. މިއީ އޭނާ ލީގުގައި ޗެލްސީއަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މުޑްރިކް ޗެލްސީއާއި ގުޅިފައި ވަނީ މި އަހަރުގެ ޖަނަވަރީ މަހު ޝަކްތަރ ޑޮނެސްކުން 89 މިލިއަން ޕައުންޑަށެވެ. ޝަކްތަރ ގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް އޭނާއަށް ޗެލްސީގައި އަދި މާ އެދެވޭ ކުޅުމެއް ވަނީ ނުދެއްކެއެވެ.
ދެވަނަ ލަނޑު ޖެހިގެން އައި މިނެޓުގައި ޗެލްސީއަށް ކާމިޔާބު ކޮށްދިނީ އާމަންޑޯ ބޮރާހާއެވެ. މެޗުގައި ފުލަމްއަށް ލަނޑުޖަހާނެ މާ ގިނަ ފުރުޞަތެއް ހޯދިފައިނުވާއިރު، އެންމެ ރަނގަޅު ފުރުޞަތެއް ލިބިފައި ވަނީ އެ ޓީމްގެ ސާސާ ލުކިޗްއަށެވެ. ޗެލްސީގެ އޭރިއާތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ޗެލްސީގެ ކީޕަރު ވަނީ މަތަކޮށްފައެވެ.
ނަތީޖާތައް ދައްވުމުގެ ސަބަބުން ޗެލްސީގެ ކޯޗް ޕޮޗެޓީނޯއަށް ވެސް ފާޑުކިޔުން ބޮޑުވެފައިވާ ވަގުތު މި ލިބުނު މޮޅަކީ ކުރިއަށްދާން އެ ޓީމަށް އިތުބާރު ބޮޑުވެގެންދާނެ މޮޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!