ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ރަނިންމޭޓު މާޒް ސަލީމް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކޮށް ކެމްޕެއިނާ ގުޅިވަޑައިގެންފިއެވެ.
މި މަހުގެ 9 ވަނަ ދުވަހު، ބޭއްވި ރިޔާސީ އިންތިހާބުގައި ހަތަރު ވަނަ އަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައި ވަނީ އުމަރު ނަސީރެވެ. އޭނާ އަށް 6،000 އަށް ވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު، ދެން އިންތިހާބުގައި ވާދަކުރެއްވި މަޝްހޫރު ބައެއް ބޭފުޅުން ކަމަށްވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމާއި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މެން ފަދަ ބޭފުޅުން ވަނީ ފަހަތަށް ޖައްސާލައިފައެވެ.
ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން އުމަރު ވަނީ ނިންމަވައިފައެވެ. އުމަރު އެގޮތަށް ނިންމެވި ނަމަވެސް މާޒް ސަލީމް މިއަދު ވަނީ ހުޅުމާލޭގައި އޮތް އެމްޑީޕީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.
ހުޅުމާލެ ރުއްގަނޑުގައި އޮތް ބައްދަލުވުމުގައި އެމްޑީޕީ ކޯލިޝަން ދޫކޮށް އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދުކުރަން ނިންމި އެމްޑީއޭގެ ބައެއް އިސް ބޭފުޅުންވެސް މިއަދުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި އެމްޑީއޭގެ ކައުންސިލް ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ.
އެންމެ ގިނަ ވޯޓާ އެކު، ހޮނިހިރު ދުވަހު ބާއްވާ ދެ ވަނަ ބުރުގެ ވޯޓުގައި ވާދަކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒާއި ރައީސް ސޯލިހެވެ. ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާ އަށް ލިބިވަޑައިގަތީ 101،635 ވޯޓެވެ. ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!