ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ވެރިކަމުގައި ހުންނަވާނެ ބޭފުޅެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މި ސެޕްޓެމްބަރު މަހުގެ 30 ވާ ހޮނިހިރު ދުވަހު ބާއްވާއިރު، މި ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވެސް ގެންދަވަނީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ތަފާތު އެކި ފޯމިއުލާތައް ބޭނުން ކުރައްވައިގެން ކެމްޕެއިން ކުރައްވަމުންނެވެ.
ދެވަނަ ބުރުގައި ވާދަކުރައްވަނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެންމެ މަތީން ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ޕީއެންސީ، ޕީޕީއެމްގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.
މި ދެ ކެންޑިޑޭޓުންގެ ތެރެއިން ޑރ. މުއިއްޒު އަށް 'ތިލަދުން'ގެ ފަރާތުން 9 ސުވާލެއް ކޮށްލީމެވެ.
ތަޢާރަފް
އެމަނިކުފާނުގެ ބައްޕާފުޅަކީ ހއ. ވަށަފަރު ބޭފުޅެއް ކަމަށްވާ ފަޟީލަތުއްޝައިޚް އަލްމަރްހޫމް ހުސައިން އަބްދުއްރަހްމާން އެވެ. މަންމާފުޅަކީ ފުރަމާލެއަށް އުފަން ބޭފުޅެއް ކަމަށްވާ ހުސްނާ އާދަމް އެވެ. މަރްހޫމް ހުސައިން އަބްދުއްރަހްމާނުގެ ހުންނެވީ ހަމައެކަނި ޑރ. މުއިްޒު ކަމުގައިވިޔަސް، މަންމައަށް ވަނީ އެހެން ބޭފުޅެއް ލިބިވަޑައިގެންފައެވެ.
ތައުލީމީ ހަޔާތް
ޑރ. މުއިއްޒުގެ މަދުރަސީ ދައުރު ހޭދަކުރައްވާފައިވަނީ މާލޭގެ މަޖީދިއްޔާ ސްކޫލުގައެވެ. އެ ސްކޫލުގެ ގްރޭޑް 10 އޯލެވެލް ނިންމައި، އޭރުގެ އެސްއީސީ (މިހާރުގެ ސީއެޗްއެސްސީ) އިން ގްރޭޑް 11 އަދި 12 އަށް ވަނީ ތައުލީމު ހާސިލު ކުރައްވާފައެވެ. އަދި އިނގިރޭސިިލާތު ސަރުކާރުގެ ސްކޮލާޝިޕެއް ލިބިވަޑައިގެން އެގައުމަށް ވަޑައިގެން، ލަންޑަންގައި ހުންނަ ޔުނިވާސިޓީ އޮފް ލަންޑަންގައި ފަސްޓް ޑިގްރީ އާއި ބެޗްލާ އޮފް އިންޖިނިއަރިން ގެ ސްޓްރަކްޗާ އޮފް އިންޖިނިއަރިން (ސިވިލް އިންޖިނިއަރިން ގެ ދާއިރާއެއް) އިން ބެޗްލާ އޮފް އޮނާސް ޑިގްރީ، ފަސްޓް ކްލާސް އޮނާ ލިބިވަޑައިގެންފައި ވެއެވެ.
މީގެ އިތުރުން ހަމަ އެ ޔުނިވާސިޓީގައި އެއް އަހަރު ދުވަހުގެ މާސްޓާސް ހާސިލުކުރައްވާ، ޖުމްލަ 4 އަހަރު އެ ގައުމުގައި ހޭދަކުރެއްވުމަށްފަހު، މާލެ ވަޑައިގެން 3 އަހަރު ސަރުކާރުގައި ހިދުމަތް ކުރައްވާފައި ވެއެވެ. އަދި އެއަށްފަހު ވެސް އިނގިރޭސިވިލާތު ސަރުކާރުގެ ސްކޮލާޝިޕެއް ހޯއްދަވައިގެން ޔުނިވާސިޓީ އޮފް ލީޑްސް ގައި ސިވިލް އިންޖިނިއަރިން ދާއިރާ އިން ޕީއެޗްޑީ ހެއްދެވުމަށް 4 އަހަރު ވަނީ ހޭދަކުރައްވާފައެވެ.
އިންޖިނިއަރިން ދޫކުރައްވާ ސިޔާސީ ދާއިރާ އަށް ވެންނެވީ
މާސްޓާސް ޑިގްރީ ނިންމަވާފަ، ސިވިލް އިންޖިނިއަރެއްގެ ގޮތުގައި ޑިޒައިނިން އާއި އިންޖިނިއަރިން މަސައްކަތުގައި ތިން އަހަރު ވެސް ވަރަށް ބޮޑަށް ޕްރެކްޓިސް ކުރައްވާފައިވާއިރު، އޭގެ ތެރޭގައި ސަރުކާރާއި އަމިއްލަ ތަންތަނުގައި ވެސް މަސައްކަތް ވަނީ ކުރައްވާފައެވެ. އަދި ޕީއެޗްޑީ އަށް ކިޔަވާވިދާޅުވަމުން ގެންދެވިއިރުވެސް ރާއްޖޭގެ އެކި ދިމާލުގައި އެ މަސައްކަތް ވަނީ ކުރައްވާފައެވެ. ގާތްގަޑަކަށް 10 ވަރަަކަށް އަހަރު ތަފާތު އެކި މަޝްރޫއުތަކުގައި މުއިއްޒު ވަނީ އުޅުއްވާފައެވެ.
އޭރު ހުންނެވީ ސިޔާސީ ޕާޓީއެއްގައި ކަމަށްވާތީ، ސިޔާސީ ގޮތުން އެ ފުރުސަތު ލިބިވަޑައިގަތުމުން ކެބިނެޓުގެ މަގާމަކަށް ވަޑައިގެންނެވިއެވެ. ސިޔާސީ މަސައްކަތުގައި ސަރުކާރުގެ ތެރެއަށް ވަދެވަޑައިގެންނެވީ އެ ހިސާބުންނެވެ.
މައިންބަފައިން އެންމެ ހިތްވަރު ދެއްވީ
މަންމަ ވެސް އަދި ބައްޕަ ވެސް އެންމެބޮޑަށް ހިތްދެނީ ބަރާބަރަށް ނަމާދު ކޮށް، ދީނަށް ލޯބިކޮށް އަދި ވަރަށް ރަނގަޅަށް ކިޔަވަން ހިތްވަރު ދެއްވާކަން މުއިއްޒު ފާހަގަ ކުރެއްވިއެވެ.
އެންމެ ކުޑައިރުއްސުރެ، ގެންގުޅުއްވާ ފިލޯސަފީ
އެންމެ ކުޑައިރުއްސުރެ، މުއިއްޒު ގެންގުޅުއްވާ ފިލޯސަފީ އަކީ ކަމަށްކަމޭ ހިތުމާއި މީހުންނަށް އިހްތިިރާމް އަދާކުރުމާއި ކުރާކަމެއް އެންމެ ރަނގަޅަކަށް އެކަމެއްކޮށް، އެންމެރަނގަޅު ނަތީޖާ ނެރެދިނުމަށް މަސައްކަތް ކުރުމެވެ.
ކެމްޕެއިންގައި އުޅުއްވަނީ ޗުއްޓީ ނަންގަވައިގެންތޯ؟
މިހާރު ހުންނެވި މާލޭ ސިޓީގެ މޭޔަރުގެ މަގާމަކީ ރަސްމީ މަގާމަކަށް ވާތީ، ރިޔާސީ ޓިކެޓު ލިބުނު ހިސާބުން އަހަރީ ޗުއްޓީ އެއްކޮށް ނަގައިގެން އުޅުއްވާއިރު، އަހަރީ ޗުއްޓީ ހަމަވުމުން ދެން ހުރި ޗުއްޓީތައް ވެސް ނަންގަވައިގެން އުޅުއްވާ ކަމަށާއި މިހާރު އުޅުއްވަނީ ޗުއްޓީގައި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އިންތިހާބު ކާމިޔާބު ކުރެއްވޭނެތޯ؟
ދެވަނަ ބުރު ކާމިޔާބުވާނެ ކަމުގެ ޔަގީން ވަރަށްބޮޑަށް އެބައޮތް
ސަރުކާރުގެ ސްޕީޑް ފާސްޓުވާނެތޯ؟
ސަރުކާރެއް ވާނީ އެމަނިކުފާނު އެދޭ ގޮތަށް، އެމަނިކުފާނު ބޭނުންވާ ސްޕީޑުގައި ނަތީޖާ ނެރެދެވޭ ސަރުކާރަކަށް. ކެބިނެޓަށް ލާ ކޮންމެ ބޭފުޅަކު ވާނީ ހިތްވަރާއި ވަރުގަދަ އަޒުމެއްގައި ރެއާއި ދުވާލު މަސައްކަތް ކުރެވޭވަރުގެ ގާބިލުކަން ހުރި ތައުލީމާއި ތަޖުރިބާހުރި ބޭފުޅުންނަށް ވާނެ ކަމަށް ވެސް މުއިއްޒު ފާހަގަ ކުރެއްވިއެވެ.
ކުރުގޮތަކަށް ސަރުކާރުގެ މަތީފަޑި
ފުރަތަމަ ދުވަހުން ފެށިގެން ވަރަށްބާރު މިނުގައި ރައްޔިތުންނަށްޓަކއި ހިދުމަތްކުރަން ފަށާ ސަރުކާރަަކަށް ވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!