އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުން ބަލައިނުގަތީމަ، ދެން ދައްކާނެ ވާހަކައެއް ނެތިގެން އޭނާގެ ވާދަވެރިން ޒާތީ ގޮތުން ދިމާ ކުރަން ފަށާފައިވާ ކަމަށާއި އެކަމާ ފަރުވާލެއް ނެތް ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ފުވައްމުލައް ސިޓީ އަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވެވި ބޮޑު ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާއަކީ ގާނޫނާއި ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމެއް ދުވަހަކު ވެސް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

Ad
rt

އަޅުގަނޑަކީ އެއްވެސް މީހެއްގެ ހައްގަކަށް ދުވަހަކު ވެސް އަރައިގެން މީހެއް ނޫން. އަދި ނުވެސް އަރައިގަންނަނާން. އަޅުގަނޑު އަބަދުވެސް ދަންނަވަމުން މި ގެންދަނީ އަޅުގަނޑު ގަބޫލު ކުރާ ހަމައަކީ އަދި ކަން ކުރާ ހަމައަކީ ކޮންމެ ދުވަހަކު ގެއަށް ގޮސް އަރާމުގައި އަޅުގަނޑަށް ނިދާލެވެން ޖެހޭނެއޭ، ހިތަށް ހިތްހަމަޖެހުން ލިބެން ޖެހޭނެއޭ އެއްވެސް މީހެއްގެ ހައްގަކަށް އަރައިނުގަންނަ ކަމުގެ ޔަގީންކަމާ އެކުގައި،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާއާ ދެކޮޅަށް އެއްވެސް މައްސަލައެއް އޮތް ނަމަ ރަސްމީ އިދާރާތަކުން ބައްލަވަންވީ ކަމަށެވެ. އެކަމަކު، އޭނާއާ ދެކޮޅަށް ރަސްމީ އިދާރާއަކަށް ހުށަހެޅޭނެ މައްސަލައެއް ނޯންނާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ ރަސްމީ އިދާރާތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ، އިންސާފުވެރިކަމާއި އަދުލުވެރިކަމާއި މިނިވަންކޮށް މައްސަލަތައް ބެއްލެވުމަށް އެދިވަޑައިގެންފައެވެ. އޭރުން ހެދި ދޮގުތައް ރައްޔިތުންނަށް ފަޟީހަތްވެގެންދާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ބައްޕަ ހުސައިން އަބްދުއްރަހްމާންގެ މަރަށް ފަހު، ދޮންމަންމަ ނުހައްގުން ޑީޕޯޓް ކޮށްލި ކަމަށް ބުނެ މީޑިއާގައި ދައްކަމުންދާ ވާހަކަތަކަށް ނުސީދާ ރައްދެއް ދެއްވަމުން މުއިއްޒު ވިދާޅުވީ ހާސްވާން ޖެހޭ ފަދަ އެއްވެސް ކަމެއް ނެތް ކަމަށާއި ޖަވާބު ނުދެވޭނެ އެެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

"ޒާތީ ވާހަކަ ދެއްކިއްޔަސް އިންޑިއާ ސިފައިން ނެތް ކަމަކަށް ނުވާނެ. ޒާތީ ވާހަކަ ދެއްކިއްޔަސް ކަނޑު ވިއްކާނުލާ ކަމަކަށް ނުވާނެ. ޒާތީ ވާހަކަ ދެއްކިއްޔަސް އިގްތިސޯދު އަނދަވަޅަކަށް ވައްޓާލައި ވަކި ގައުމަކަށް އަޅުވެތި ނުކުރާ ކަމަކަށް ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މިހާރު ކުރަމުން އެ ގެންދަނީ ކެމްޕެއިން ނޫން ކަން ފާހަގަކޮށް، މުއިއްޒު ވިދާޅުވީ އިންތިހާބަށް ކުރިމަތިލުމަށް ފަހު ރައްޔިތުންގެ ގާތަށް ވަޑައިގަންނަވަނީ ރައްޔިތުންނަށް ކަންކަން ކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވަން ކަމަށެވެ.