ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން "ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމަށާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ވިޔަވަހިން ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ފުލެޓަށް އެދި ހުށަހެޅުމަށް މިއަދު ހުޅުވާލައިފިއެވެ.
މިފަހަރު ހުޅުވާލި ފުރުސަތުގެ ދަށުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ގޯއްޗަށް ނުވަތަ ފުލެޓަށް އެދި، 2023 ސެޕްޓެންބަރު 24 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ 15:00 ގެ ނިޔަލަށް ހުށަހެޅޭނެއެވެ.
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ ދެ ސްކީމަށް ޝަރުޠު ހަމަވި ނަމަވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ މީހަކު ޚިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށްކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
މިފަހަރު ގޯތި ދޫކުރުމަށް ނިންމާފައި ވަނީ ގިރާވަރު އުތުރުފަޅުންނެވެ. މި ސްކީމުގެ ދަށުން ގޯތި ދޫކުރަން ކަނޑައަޅައިފައިވާ ބިމުގެ ޖުމުލަ ބޮޑުމިނަކީ 5,525,000 އަކަފޫޓެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުނީމައިކަމަށް ގޯއްޗާ ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލައި ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ އިއުލާންގައި ބުނެފަވެއެވެ.
ގޯއްޗަށް އެދި ހުށަހަޅާ އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ، 1,250 އަކަފޫޓު ކަމުގައި ކަނޑައަޅާފައިވާއިރު، ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަނުގައި އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެކަމަށް އިއުލާންގައި ބުނެފަވެއެވެ. އަދި 7 މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ، ޖުމުލަ 4,000އަކަފޫޓު ކަމަށް ވެސް ބުނެފަވެއެވެ.
ގޯއްޗަށް އެދި ހުށަހެޅުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައި ވުމާއި، އުމުރުން 18 އަހަރު ފުރިފައިވުމާއި، "ބިންވެރިޔާ" ސްކީމުން ނުވަތަ "ވެށިފަހި މާލެ ޕްރޮގްރާމް" ގެ ދަށުން ގޯއްޗެއް ލިބިފައި ނުވުމާއި، މާލޭގައި ދިރިއުޅޭތާ، މަދުވެގެން 20 އަހަރު ވެފައިވުން، ނުވަތަ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގެ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައި ނުވުމާއި، މާލޭ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ބޮޑު ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައި ނެތުން، ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުމާއި އަދި މާލެ ސަރަޙައްދުން 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، ނުވަތަ ހައުސިންގ ޔުނިޓެއް، ނުވަތަ ރޯހައުސްއެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ލިބިފައިވާނަމަ ނުވަތަ އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައިވާނަމަ، އެފަދައިން އޮތް ތަނެއް ދޫކޮށްލަން އެއްބަސްވުން ހިމެނެއެވެ.
މި ފުރުސަތުގެ ދަށުން ފްލެޓް ދޫކުރަން ހަމަޖައްސާފައި ވަނީ މާލެ ސަރަހައްދުންނެވެ. ފްލެޓަށް އެދުމުގެ ޝަރުތުތަކުގެ ތެރޭގައި މާލޭގެ ރައްޔިތެއް ކަމުގައި ވުމާއި، އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައި ވުމާއި، މާލޭގެ ރަށްވެއްސަކަށް ވެފައިވާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި ވުން (ހަމައެކަނި މައި އެޕްލިކަންޓް) ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރު ވެފައިވާ ފަރާތެއް ކަމުގައި (ހަމައެކަނި މައި އެޕްލިކަންޓް) ވުމާއި، އެޕްލިކަންޓާއި ކޯ އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢަކުން މީގެ ކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށް ނުވުމާއި، އެޕްލިކޭޝަން ހުށަހަޅާ ފަރާތަކީ މާލެ ސިޓީން ޕްރައިވެޓް ރިއަލްއެސްޓޭޓް މާކެޓުން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ހައުސިންގ ޔުނިޓެއް/ބިމެއް ގަނެފައިވާ، ނުވަތަ ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށައިފައިވާ ފަރާތެއް ކަމުގައި ނުވުމާއި އެޕްލިކޭޝަން ހުށަހަޅާ ތާރީޚުގައި މައި އެޕްލިކަންޓުގެ ގޮތުގައި ހިމެނޭ ފަރާތް، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، މާލެ ސިޓީގައި ދިރިއުޅުމަށް ހޯދައިފައިވާ 600 އަކަފޫޓުގެ ތަނެއް ނުވަތަ އެއަށްވުރެ ބޮޑު ތަނެއް އެއްވެސް މީހަކަށް ދީފައިވާ ނުވަތަ ވިއްކައިފައިވާ ފަރާތެއް ކަމުގައި ނުވުމާއި އަދި މަހަކަށް ޖެހޭ ޖުމުލަ އާމްދަނީ -/60,000 ރުފިޔާއަށްވުރެ އިތުރަށް ލިބޭ ފަރާތެއް ކަމުގައި ނުވުން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!