މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ކޯލިޝަން ހަދާނެ ސިޔާސީ ޕާޓީއެއް ކައުންސިލްގައި މަޝްވަރާ ކުރެއްވުމަށް ފަހު، ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމަށް ލިބިވަޑައިގަތީ 5،000 އަށް ވުރެ ގިނަ ވޯޓެވެ. އެއީ ވޯޓު ދިން މީހުންގެ %2 ވޯޓެވެ. ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމް ފަސް ވަނަ އަށް ދިއުމަކީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެކެވެ.

Ad
rt

ގާސިމަށް އިންތިހާބުގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހު މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގައުމުގެ އިސްލާހަށާއި ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް އެ ޕާޓީއިން ކުރަމުން އަންނަ މަސައްކަތް ހުއްޓާ ނުލާނެ ކަމަށެވެ. އަދި، ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި އިގްތިސޯދީ ދުޅަހެޔޮކަމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ދޭން ބޭނުންވާ ކަމަށް ވެސް ޖޭޕީން ބުނެފައިވެއެވެ.

ދެ ވަނަ ބުރުގައި އެ ޕާޓީން ނިންމާ ގޮތެއް ކައުންސިލްގައި މަޝްވަރާ ކުރުމަށް ފަހު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ޖޭޕީން ބުނެފައިވެއެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށާއި ރަނިންމޭޓް ޑރ. އަމީން އިބްރާހިމަށް ވޯޓު ދިން އެންމެންނަށް ޖޭޕީން ވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ރިޔާސީ ރޭހުގައި ވާދަކުރައްވައި ކާމިޔާބީ ހާސިލް ކުރެއްވި ދެ ބޭފުޅުންނަށް ޖޭޕީގެ ފަރާތުން ވަނީ މަރުހަބާ ކިޔާފައެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަހަތަށް ޖައްސާލައި އިންތިހާބުން އެންމެ ގިނަ ވޯޓު ހޯއްދެވި ކެންޑިޑޭޓަށް ވެފައެވެ. މުއިއްޒު، ލައްކަ އަކަށް ވުރެ ގިނަ ވޯޓު ހޯއްދެވި އިރު، ރައީސަށް ލިބިވަޑައިގެންނެވީ 85،000 އަށް ވުރެ ގިނަ ވޯޓެވެ. އެކަމަކު، މުއިއްޒަށް ލިބިވަޑައިގެންނެވި ވޯޓުގެ އަދަދު %50 ހުރަސް ނުކުރާތީ، ދެވަނަ ބުރެއް ބާއްވަން ވަނީ ޖެހިފައެވެ.

މިއީ، ރިޔާސީ އިންތިހާބުގައި ގާސިމަށް އެންމެ މަދުން ވޯޓު ލިބުނު ފަހަރެވެ. އެންމެ ފުރަތަމަ ބޭއްވި އިންތިހާބުގައި ޖޭޕީގެ ލީޑަރަށް 27،056 ވޯޓު (15.32 ޕަސެންޓް) ލިބިވަޑައިގަތެވެ. އޭގެ ފަހުން، 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ގާސިމަށް 48،131 ވޯޓު (23.34 ޕަސެންޓް) ލިބިވަޑައިގަތެވެ.