މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި ވޯޓުލާން ފަށާނީ މާދަމާ ހެނދުނު 8 ޖަހާއިރު ކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ޔޫކޭ ފިޔަވައި ހުރިހައި ގައުމެއްގައި ވެސް ރާއްޖެ ގަޑިން މާދަމާ ހެނދުނު 8 ޖަހާއިރު، ވޯޓުލާން ފަށާނެ ކަމަށެވެ.

Ad
rt

އެހެންނަމަވެސް ލަންޑަނުގައި ނުވަތަ ޔޫކޭ ގައި ބަހައްޓާ ފޮށީގެ ވޯޓުލުން ފެށޭނީ ރާއްޖެ ގަޑިން މެންދުރު 12 ޖަހާއިރު ކަމަށާއި އެއީ އެ ގައުމާއި ރާއްޖޭގެ ގަޑީގެ ތަފާތު ކަމުން ކަމުގައި ހަބީބު ވިދާޅުވިއެވެ. އަދި އެ ގައުމުގެ ފިނި މޫސުން ކަމަށްވާތީ މިއަށްވުރެ އަވަހަށް ފެށުމަށް ދަތިތަކެއް ހުރިކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ކޮންމެ ފަސް އަހަރަކުން ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި މި ފަހަރު ވޯޓުލުމުގެ ހައްގު 282،395 މީހުންނަށް ލިބިދޭއިރު، ޖުމްލަ 574 ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، މާލެ ސަރަހައްދުގައި 176 ފޮއްޓާއި އަތޮޅު ތެރޭގައި 319 ފޮއްޓާއި ރިސޯޓުތަކުގައި 65 ފޮއްޓެވެ. އަދި ރާއްޖެއިން ބޭރުގައި 8 ފޮއްޓާއި ޖަލުތަކާއި ސިނާއީ ރަށްރަށުގައި 6 ފޮއްޓި ބަހައްޓާނެއެވެ.

ރާއްޖެއިން ބޭރުގެ ގައުމުތަކުގެ ތެރެއިން ވޯޓުފޮށު ބަހައްޓަނީ އިންޑިޔާ، ސްރީލަންކާ، މެލޭޝިޔާ އަދި އިނގިރޭސިވިލާތުގެ ލަންޑަނާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް ގައެވެ.

ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަންތަނަކަށް ރަޖިސްޓްރީވާން 40،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާއިރު، އޭގެތެރެއިން 35،849 މީހުންގެ ފޯމް ބަލައިގަނެ ރީރެޖިސްޓާ ވަނީ ކޮށްފައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން މާދަމާ ކުރިއަށްދާއިރު، ދެ ވަނަ ބުރަކަށް ދާންޖެހިއްޖެނަމަ، އިންތިހާބު ބޭއްވުމަށް ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.