އަންނަ އަހަރު ޖަރުމަނުގެ ބާއްވާ ޔޫރޯ 2024 ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ފްރާންސުން ކުޅުނު ފަސްވަނަ މެޗު ވެސް ކާމިޔާބު ކޮށްފިއެވެ.

ގްރޫޕް ބީގައި ރޭ ފްރާންސާއި ރިޕަބްލިކް އޮފް އަޔަލެންޑް ބައްދަލުކުރި މެޗު ފްރާންސުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ.

Ad
rt

މި ގްރޫޕްގައި އަޔަލެންޑް މިހާތަނަށް ހަތަރު މެޗު ކުޅެފައިވާއިރު އެ ޓީމް މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ ޖިބްރާލްޓާއަތުންނެވެ. މިވަގުތު މި ގްރޫޕްގެ ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު ކުޅުނު ފަސް މެޗުން ލިބުނު 15 ޕޮއިންޓާއިއެކު އެއްވަނާގައި ފްރާންސް އޮތްއިރު ދެވަނާގައި އޮތް ނެދަލެންޑްސްއަށް ލިބިފައި ވަނީ ތިން މެޗުން 6 ޕޮއިންޓެވެ. ތިންވަނާގައި އޮތް ގްރީސްއަށް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު ހަތަރުވަނާގައި އަޔަލެންޑް އޮތީ ހަތަރު މެޗުން ހޯދި ތިން ޕޮއިންޓާއި އެކުގައެވެ. ޖިބްރާލްޓާއަށް އަދި ޕޮއިންޓެއް ނުހޯދެއެވެ.

ރޭ މެޗުގައި ފްރާންސުން ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ 19 ވަނަ މިނެޓުގައެވެ. މި ލަނޑު ޗުއަމެނީ ޖަހާފައި ވަނީ އަޔަލެންޑްގެ އޭރިއާ ބޭރުގައި ހުރެ ގޯލުގެ މަތީ ކަނަށް ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި ލަނޑު ޖަހަން އެސިސްޓް ކޮށްދިނީ އެމްބާޕޭއެވެ.

ފްރާންސްގެ ދެވަނަ ލަނޑު ޖަހައިދިނީ 48 ވަނަ މިނެޓުގައި މާކަސް ތުރަމްއެވެ. ތުރަމް ކުޅެން ނުކުމެފައި ވަނީ ފުރަތަމަ ހާފުގެ 26 ވަނަ މިނެޓުގައި ޖިރޫޑަށް އަނިޔާވުމާއި ގުޅިގެންނެވެ.

މިހާރު ކުރިއަށްމިދާ އިންޓަނޭޝަނަލް ބްރޭކްގައި ފްރާންސް އަދި އެއް މެޗު ކުޅޭނެއެވެ. މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އެކުވެރިކަމުގެ މެޗެއްގައި ފްރާންސް ނުކުންނާނީ ޖަރުމަނާއި ދެކޮޅަށެވެ.