އައްޑޫގައި ބޭބެއަށް ހަމަލާދީ މަރާލި މީހާ ކްރިމިނަލް ކޯޓުގައި މިއަދު އެކަމަށް އިއުތިރާފްވެއްޖެ އެވެ.

މިދިޔަ ޖޫން މަހު ސ. މަރަދޫ ފޭދޫގައި އެއްބަނޑު އެއްބަފާ ބޭބެއަށް ވަޅިއަކުން ހަމަލާދީ މަރާލި ކަމަށް ބުނެ ދައުލަތުން ދައުވާ ކުރަނީ އެރަށު ބްލޫސްޓާ ހުސައިން މަވާޒު އޭނާގެ ބޭބެ އަހުމަދު ޝުއަައިބު މަރާލި މައްސަލާގަ އެވެ.

Ad
rt

ކްރިމިނަލް ކޯޓުގައި މަވާޒުގެ ޝަރީއަތް މިއަދު ފެށުމުން އޭނާ ކޯޓުގައި އެ ކުށަށް އިއުތިރާފްވެ އަދި އެ ހާދިސާ ހިނގިގޮތް ކިޔައިދިނެވެ. އަދި އެކަމާ މެދު ހިތާމަކުރާ ކަމަށާއި އެކަމަށް ތައުބާ ވެފައިވާ ކަމަށް ވެސް އޭނާ ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

މަވާޒު ކުށަށް އިއުތިރާފްވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ. އޭނާއާ އެކު ދައުލަތުން އިއުތިރާފްގެ އެއްބަސްވުމެއް ހަދާފައިވާތީ ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ އެއްބަސްވުން ދަމަހައްޓަން މަވާޒް ބޭނުންވޭތޯ ބެލުމާއި އޭނާގެ މައްޗަށް އަދަބު ކަނޑައެޅުމެވެ.

އިއުތިރާފް އެއްބަސްވުން އޮތްގޮތުން މަވާޒުގެ މައްޗަށް އޮންނާނީ 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމެކެވެ. އެ އެއްބަސްވުން ބަލައިގަތުމަށް ނިންމާ ހާލަތުގައި އެއާ އެއްގޮތަށް އަދަބު ކަނޑައަޅާނެ އެވެ. ނަމަވެސް އެއްބަސްވުން ދަމަހައްޓަން ބޭނުންނުވާނަމަ އަދި އެހެން ހެކިތަކުން ކުށް ސާބިތުވާނަމަ އަދަބު ބޮޑުވާނެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އަދަބު ކަނޑައެޅުމުގެ މަޖިލިސް 10 ދުވަސް ފަހުން ބާއްވާނެ ކަމަށެވެ.