މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެ، ރާއްޖޭގެ ވެރިކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަތުވެެއްޖެނަމަ ވެރިކަން ދިވެހީންގެ އަތްމައްޗަށް ވިޔަފާރިތައް ގެނެސްދެއްވާނެ ކަމަށް ގައުމީ ކެންޑިޑޭޓު، ޤާސިމް އިބްރާހީމްގެ ރަނިންމޭޓު، ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން "ރަނިންމޭޓް" ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
މި ޕްރޮގްރާމުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ދިވެހިންގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދުމަށް ގެންގުޅޭނެ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ މީގެކުރީގެ ބައެއް ސަރުކާރުތަކުން ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގައި ނުވަތަ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމުގައި ހީވަނީ "ފުށް ފުރޭންޏެއް" ހެން ކަމަށެވެ.
އޭނާ ވިދާޅުވީ މާޒީގައި ވެސް މި މައްސަލައަށް ހައްލުހޯދައިނުދެވުނު ބަޔަކަށް، ދެން ވެސް އެކަން ނުވާނެ ކަމަށެވެ. އަދި އެކަން ކުރެވޭނީ، އިހުލާސްތެރިކަމާއެކު، ތެދުވެރި ނިޔަތަކާއެކު މަސައްކަތްކުރަން ތައްޔާރަށް ތިބި ބަޔަކަށް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ކުރިއަރާފައިވާ މުޖުތަމައުއެއްގައިި މިލިއަނެއްހައި މީހުންގެ އާބާދީއެއް އޮންނަންޖެހޭ ކަމަށާއި ދިވެހި މުޖުތަމައު އަކީ ކުރިއަރާފައިވާ ތަނަކަށް ހެދުމަށްޓަކައި ބޭރުމީހުން މި ގައުމުގައި ތިބެންޖެހޭ ކަމަށެވެ. އެހެންނަމަވެސް މައްސަލައަކަށް ވަނީ އެގޮތަށް ރާއްޖެ އެތެރެވާ ބިދޭސީން، ގަވައިދާ ހިލާފަށް މި ގައުމުގައި އުޅެ، ގަވައިދާ ޚިލާފަށްކުރާ އަމަލުތައް ނުހުއްޓުވުން ކަމަށް އަމީން ފާހަގަކުރެއްވިއެވެ.
އަމީން ވަނީ އެގޮތަށް އުޅުމުގެ ފުރުސަތު ބިދޭސީންނަށް ހޯދައިދެނީ ސަރުކާރުގެ އިސް ބައެއް މީހުންނާއި ނުފޫޒުގަދަ ބައެއް މީސްމީހުން ކަމަށެވެ.
ރާއްޖޭގެ ހޮޓާތަކާއި ގެސްޓްހައުސްތައް ފަދަ ވިޔަފާރިތައް ބިދޭސީންގެ އަތްދަށަށް ގޮސްފައިވާތީ، މިއީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށާއި ޖޭޕީގެ ވެރިކަމެއްގައި މިފަދަ ވިޔަފާރިތަކާއި ކުދި ވިޔަފާރިތައް ދިވެހިންގެ އަތްދަށަށް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން އަމީން ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!