ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ޑްރަގް މައްސަލައެއްގައި 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
އޭނާގެ މައްޗަށް ދައުވާ އުފުލީ ފަނޑިޔާރު ކަމުގައި ހުއްޓާ 2016 ވަނަ އަހަރުގެ ތެެރޭގައި ސައިކަލެއްގައި ދުއްވާފައިދަނިކޮށް ހުއްޓުވުމުން އޭނާގެ އެއްލާލި ރަބަރު ޕެކެޓެއްގައި ޑައިމޯފިން ހުރިކަން ތަހުލީލުން ހާމަވުމުންނެވެ. އެ މައްސަލާގައި އޭނާ އޭރު ހައްޔަރުކުރި ނަމަވެސް ފަހުން ދޫކޮށްލި އެވެ.
އޭނާގެ މައްޗަށް ދައުވާ ކުރިއަށް ގެންގޮސްފައިވަނީ ކްރިމިނަލް ކޯޓުގަ އެވެ. ދައުވާ އަށް އިބްރާހިމް ރަޝީދު އިންކާރުކުރިއިރު އޭނާ ބުނީ އެ ޕެކެޓަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި އެއީ ފްރޭމްކުރަން އޭނާގެ އަތަށް ދިން އެއްޗެއް ކަމަށެވެ.
ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނީ ހެކިންގެ ހެކި ބަހުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އަދި، އެ ހެކިތައް ނަފީކުރެވޭވަރު ހެއްކެއް އިބްރާހިމަށް ދެއްކިފައިނުވާ ކަމަށެވެ. އަދަބެއްގެ ގޮތުން އިބްރާހިމް ރަޝީދުގެ މައްޗަށް ވަނީ 15 އަހަރުގެ ޖަލު ހުކުމަކާ އެކު 25،000ރ. ޖޫރިމަނާކޮށްފަ އެވެ.
ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓުގެ މަގާމުން އިބްރާހިމް ރަޝީދު ވަކިކުރީ ޖޫން 24، 2019 ގަ އެވެ.
އޭނާ ވަކި ކުރީ އަންހެނަކާ ދިމާލަށް ބޭއަދަބީ ބަސްތަކުން މުހާތަބުކޮށް ގަޒްފުކުރި މައްސަލައެއްގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!