ފްރާންސް ލީގުގެ ރެނެސްއަށް ކުޅެމުންއައި ބެލްޖިއަމްގެ ވިންގަރ ޖެރެމީ ޑޮކޫ މެންޗެސްޓާ ސިޓީއަށް ސޮއިކޮށްފިއެވެ.
އުމުރުން 21 އަހަރުގެ ޑޮކޫ ސިޓީއަށް ސޮއި ކޮށްފައި މިވަނީ 60 މިލިއަން ޔޫރޯގެ ޓްރާންސްފާފީއެއްގެ ދަށުންނެވެ. ޑޮކޫ ރެނެސްއަށް ކުޅެދިން 92 މެޗުގައި ވަނީ 12 ލަނޑު ޖަހާފައެވެ.
ޑޮކޫއަކީ ސިޓީން މި ޓްރާންސްފާގައި ސޮއި ހޯދި ތިންވަނަ ކުޅުންތެރިޔާއެވެ. ސިޓީން ވަނީ މީގެ ކުރިން ޗެލްސީއަށް ކުޅެމުންއައި ކޮރޭޝިއާގެ މިޑްފީލްޑަރ ކޮވެސިޗްގެ އިތުރުން ޖަރުމަނުގެ އާރުބީ ލައިޕްޒިގަށް ކުޅެމުންއައި ކޮރޭޝިއާގެ ސެންޓަ ޑިފެންޑަރ ގްވާޑިއޯލްގެ ސޮއި ހޯދާފައެވެ.
ޑޮކޫ ހޯދުމަށް ޕްރިމިއާ ލީގުގެ ގިނަ ޓީމްތަކަކުން ވަނީ ޝަޢުޤުވެރިކަން ފާޅުކޮށްފައެވެ. އެ ޓީމްތަކުގެ ތެރޭގައި ޗެލްސީއާއި ވެސްޓްހޭމްގެ އިތުރުން ޓޮޓެންހަމް ހިމެނެއެވެ.
މިހާރު ކުރިއަށްދާ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގައި ސިޓީ ދޫކޮށް ބައެއް މުހިންމު ކުޅުންތެރިން ވަނީ ގޮސްފައެވެ. މިގޮތުން އެ ޓީމްގެ ކެޕްޓަން ގުންޑޮގަން ވަނީ ސިޓީ ދޫކޮށް ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވެފައެވެ. މަހްރޭޒް ސައުދީ ލީގަށް ބަދަލުވެފައިވާއިރު ސިޓީގެ ޕޯޗުގަލް ޑިފެންޑަރ ލަޕޯޓް ވެސް މިހާރު ވަނީ ސައުދީ ލީގަށް ބަދަލުވުމުގެ މަރުހަލާގައެވެ. މީގެ އިތުރުން ސިޓީގެ ޕޯޗުގަލް ފުލްބެކް ކެންސެލޯ ވެސް ވަނީ ބާސާއަށް ބަދަލުވުމާއި ގާތަށް ޖެހިލާފައެވެ.
ޑޮކޫއަކީ މިހާރު ބެލްޖިއަމް ގައުމީ ޓީމްގައި ހިމެނޭ ކުޅުންތެރިއެކެވެ. މިގޮތުން އޭނާވަނީ އެންމެ ފަހުން ބޭއްވި ޔޫރޯއާއި ވޯލްޑް ކަޕްގައި ވެސް ބެލްޖިއަމް ޓީމަށް ކުޅެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!