ޗެލްސީގެ ކެޕްޓަން ރީސް ޖޭމްސްއަށް އަނިޔާވެ ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.

ޗެލްސީގެ ކޯޗް ޕޮޗެޓީނޯ ބުނެފައިވާ ގޮތުގައި ޖޭމްސްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއިން ރިކަވަވާން މާ ދިގު މުއްދަތެއް ނުނެގި ނަމަވެސް މަދު ހަފްތާތަކަކަށް އޭނާ ކުޅުމާއި ދުރުގައި މަޑުކުރަން ޖެހޭނެއެވެ. އޭނާގެ ފަލަމަސްގަނޑަށް އަނިޔާވެފައި ވަނީ ފަރިތަކުރުންތަކުގެ ތެރޭގައެވެ.

Ad
rt

ޕޮޗެޓީނޯ އިތުރަށް ބުނީ އުމުރުން 23 އަހަރުގެ ޖޭމްސްގެ ފަރުވާގެ ކަންކަން އެ ކުލަބުން މިހާރު ފަށާފައިވާ ކަމަށާއި ދުވަހުން ދުވަހަށް ކައިރިން އެކަން ބަލަމުން ގެންދާނެ ކަމަށެވެ. ޓީމްގެ ކެޕްޓަން ކަމުގައި އޭނާ ހުރީ ކުރިއަށްދާން ވަރަށް ވަރުގަދަ ރޫހެއްގައި ކަމަށާއި ނަމަވެސް މިއީ ހިތާމަވެރި ވަގުތެއް ކަން ކޯޗް ވަނީ ފާހަގަ ކޮށްފައެވެ.

ޕްރިމިއާ ލީގުގައި ޗެލްސީ ފުރަތަމަ މެޗުގައި ކުޅެފައި ވަނީ ލިވަޕޫލާއި ދެކޮޅަށެވެ. އެ މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. އެ މެޗުގައި ޖޭމްސް ވަނީ ފުރަތަމަ އެގާރާގައި ހިމެނިގެން ކުޅެފައެވެ. ނަމަވެސް މެޗުގެ 77 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލު ކޮށްފައެވެ.

މިދިޔަ ސީޒަންގެ ފަހުކޮޅު ވެސް ޖޭމްސްއަށް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޮޕަރޭޝަން ކުރަން ޖެހުމުން، ގަތަރުގައި ބޭއްވި ވޯލްޑް ކަޕް 2022 ފުޓްބޯޅަ މުބާރާތަށް އިންގްލެންޑުން ނެގި ސްކޮޑުން ވެސް އޭނާއަށް ވަނީ ފުރުޞަތު ގެއްލިފައެވެ.

ޖޭމްސް އަށް ޗެލްސީ ކެޕްޓަން ކަން ހަވާލު ކޮށްފައި މި ވަނީ އެ ޓީމްގެ ކެޕްޓަންގެ މަގާމު ފުރަމުންއައި ސްޕެއިންގެ ޑިފެންޑަރ އަޒްޕިލްކުއޭޓާ އެ ޓީމް ދޫކޮށް ދިޔުމާއި ގުޅިގެންނެވެ.