ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހިމްގެ މެނިފެސްޓޯއިން ހުރިހައި ސަރުކާރަކުން ވެސް ކޮށްދިނުމަށް މަސައްކަތް ކުރި ރަނގަޅު ކަންތައް ފެނިގެންދާ ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ގުޅޭގޮތުން ޖޭޕީގެ މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކާއި ގުޅޭގޮތުން ވީޓީވީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ޝައިނީ ވިދާޅުވީ ވެރިއަކަށް ހުންނަ މީހާއަކީ މަސްވެރިއަކަށް ނުވަތަ ދަނޑުވެރިއަށް ވެއްޖިއްޔާ އެ މީހުންގެ އިހްސާސްތައް އެންމެ ރަނގަޅަށް ދަންނާނެ އެހެން މީހަކު ނުހުންނާނެ ކަމަށެވެ.
ޝައިނީ ވިދާޅުވީ ގާސިމްއަކީ މަސްވެރިއެއް، ދަނޑުވެރިއެއް، ފަތުރުވެރިއެއް ކަމަށެވެ. އަދި ރާއްޖޭގައި ގިނަ ކަންތައްތަކެއް ކުރައްވަމުންގެންދަވާ ބޭފުޅެއްކަން ފާހަގަކުރައްވާ ވިދާޅުވި ގާސިމް އަކީ ރައްޔިތުންގެ އިހްސާސްތައް އެންމެބޮޑަށް އެނގިވަޑައިގަންނަވާނެ ބޭފުޅާ ކަމަށެވެ.
އެހެންކަމުން ޖޭޕީގެ ވެރިކަމެއްގައި މެނިފެސްޓޯގައި ހުރި ކަންކަން ބެލުމަށް އެންމެ ގާތުން މަސައްކަތް ކުރާނެ އެއް ބޭފުޅަކީ ގާސިމް ކަމަށް ވެސް ޝައިނީ ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިނީ ވިދާޅުވީ ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެން މައުމޫން ސަރުކާރުގައި ފަށްޓަވާފައި އޮތް "ފިފްތް ޖެނަރޭޝަން" ގެ ދޯނިފަހަރުގެ ކަންތައް އެއްކޮށް އުވައިލެއްވި ކަމަށާއި އެހެންނަމަވެސް ގާސިމްގެ މެނިފެސްޓޯއަށް އެކަން ހިމަނުއްވާފައިވާ ކަމަށެވެ.
ޝައިނީ ވިދާޅުވީ އޭނާ މިނިސްޓަރަކަށް މަސައްކަތްކުރެއްވި ވެރިކަން އައިއިރު، ރާއްޖޭގައި ދަޅު މަސް ވެލިއު އެޑިޝަނަށް ފެލިވަރުގައި ހުރީ 15 ޓަނު ކަމަށާއި އެކަމަކު އެ ފަސް އަހަރު ނިމުނު އިރު، ފެލިވަރުގައި އެކަނި 55 ޓަނު ހަދާފައި މުޅި ރާއްޖޭގައި މަސް ބަންދުކުރޭ ވަރު 110 ޓަނަށް ހަދާފައިވާ ކަމަށެވެ.
އެހެންނަމަވެސް ދެން އައި ސަރުކާރުން އެކަން ބަލައި ނުގަތްކަން ޝައިނީ ފާހަގަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!