ފުވައްމުލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތާއި އއ. އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
ފުވައްމުލަކުގެ އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ ދަށުން 12.7 ކިލޯމީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. އަދި ފެން ހިންދާ ނިޒާމު ގާއިމްކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި އެއްބަސްވުމުގެ ދަށުން ކުރާނެއެވެ.
ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 255.2 މިލިއަން ރުފިޔާއަށެވެ.
ފުވައްލައް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްވެސް ސަރުކާރުން ހަވާލުކުރީ އެމްޓީސީސީއާއެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން 35 މަގެއްގައި 18.5 ކިލޯމީޓަރުގެ ތާރު އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 331.05 މިލިއަން ރުފިޔާއަށެވެ.
އުކުޅަހުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގައި 650 މޯޓަރުގެ ބޭރު ތޮށި ޖަހައި، 90 މީޓަރުގެ ގްރޮއިން ޖަހާނެއެވެ. އަދި ގޮނޑުދޮށަށް ވެލި އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ މަސައްކަތް 180 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރީ 28 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!