މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވާ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު ފުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެ ކޯލިޝަނުން މިހެން ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާ އިން ފެށިގެން ހުޅުވައިލުމަށް އިލެކްޝަންސް ކޮމިޝަން (އިސީ) އިން ނިންމައި، އިއުލާނު ކުރުމާއި ގުޅިގެން ނޫސްވެރިން ކުރިމަތިކުރުވި ސުވާލަށް ޖަވާބު ދެމުންނެވެ.
އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު (ހީނާ) ވިދާޅުވީ އެ މަސައްކަތް ދަނީ ކުރިއަށް ކަމަށާއި ކަންކަން ކުރިއަށްދާގޮތް ހާމަކުރަމުންދާނެ ކަމަށެވެ. ނަމަވެސް މިވަގުތު އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށް ހީނާ ވިދާޅުވިއެވެ.
ދިވެހިސަރުކާރުގެ ގެޒެޓުގައި އީސީ އިން މިއަދު ޝާއިއު ކުރެއްވި އިއުލާނުގައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 23 ވާ އާދީއްތަ ދުވަހުގެ ހެނދުނު 9 ން ފެށިގެން އޮގަސްޓު 7، ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2 ޖެހުމާއި ހަމައަށް ހުޅުވައިލާނެ ކަމަށެވެ.
އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކުރެވިފައިވާ ފޯމާއި ހުށަހަޅަންޖެހޭ ތަކެތި ފުރިހަމަ ކުރުމަށް ފަހު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9 ން މެންދުރުފަހު 2 ޖެހުމާއި ހަމައަށް އިންތިހާބާ ބެހޭ މަރުކަޒު (ދަރުބާރުގެ) އަށް ހުށަހެޅުމަށް އީސީ އިން ވަނީ އެދިފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހައިތަނަށް އިއުލާން ކުރައްވާފައިވަނީ ޔާމީނުގެ އިތުރުން އެމްޑީޕީގެ ފަރާތުން މިހާރުގެ ރައީސް ސާލިހާއި އެމްއެންޕީގެ ފަރާތުން ނާޒިމް އަދި ޖޭޕީގެ ފަރާތުން ގާސިމް އިބްރާހިމް އެވެ. އަދި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވެސް ކެންޑިޑޭޓެއް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ.
އެހެންނަމަވެސް އެ ޕާޓީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅާނީ މި ޖުލައި މަހުގެ 28 ގައި ބާއްވާ ޕްރައިމަރީއަށް ފަހުގައެވެ.
މީގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ވަނީ ވާދަކުރައްވަން ނިންމަވައި، ކެމްޕެއިން ފައްޓަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!