ވ. އަތޮޅަށް އަމާޒުކޮށް އިގްތިސޯދީ ބޮޑެތި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ ދިވެހިރައްޔިތުންގެގ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން މ. އަތޮޅަށާއި ވ. އަތޮޅަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވ. ކެޔޮދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ.

Ad
rt

އެކަމުގެ ތަފްސީލެއް ހާމަނުކުރެއްވިނަމަވެސް އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއެއް އެ އަތޮޅުގައި ފެށޭނެކަން އިއުލާނުކުރައްވާފައެވެ. އަދި އެ މަޝްރޫއު ފެށި، ވައިގެ މަގުން ވ. އަތޮޅާ ގުޅާލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިހާރު ވެސް އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަން ވަނީ ރައީސް ހާމަކުރައްވާފައެވެ.

މީގެ އިތުރުން 2018 ވަނަަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރެއްވި ކެމްޕެއިންގައި އެ ރަށަށް ހަތް ވައުދުފުޅުވެފައިވާކަން ހަނދާން ކުރައްވާ އެމަނިކުފާނު ވިދާޅުވީ އޭރު އެހާ ގިނައިން ވައުދުވެވަޑައިގަންނަވަން ޖެހުނީ، އެއްވެސް ކަމެއް ކުރީ ސަރުކާރުތަކުގައި އެ ރަށަށް ކޮށްދެވިފައި ނެތުމުން ކަމަށެވެ.

ރައީސް ސާލިހު އިތުރަށް ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ވަޑައިގެން ކައުންސިލަރުންނާ ބައްދަލުކުރެއްވުމުން އެ ރަށަކުން ބޭނުންވާ ކަންކަމުގެ ދިގު ލިސްޓެއް އަބަދު ވެސް ލިބެމުންދާ ކަމަށާއި އެހެންނަމަވެސް މި ސަރުކާރުން އަންނަނީ ވައުދުތައް ފުއްދަމުން ކަމަށް ވިދާޅުވިއެވެ. އެހެންވެ، ވައުދުތައް ފުދެމުން ދިޔަ ވަރަކަށް ލިސްޓު ކުޑަވަމުން ދާ ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ވ. ކެޔޮދޫ ސްކޫލުގެ މަލްޓިޕާޕަސް ހޯލު ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. މި ހޯލު ހުޅުވިގެންދިޔައިރު އެ ސްކޫލަށް ޖާގަ އިތުރު ކުރުމުގެ ގޮތުން ދެ ބުރީގެ އިމާރާތެއްގައި އިތުރު ކްލާސްރޫމުތަކެއް ޢިމާރާތްކުރުމުގެ މަސައްކަތް ވެސް މިހާރުދަނީ ކުރަމުންނެވެ. އަދި ހަތަރު ބުރީގެ އިމާރާތެއް އެޅުމަށް ވެސް ރޭވިފައި ވެއެވެ.

މީގެ އިތުރުން ރައީސް ވަނީ އެ ރަށުގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެވޯޑުކުރެވިފައިވާ ކަމަށާއި ވޮލީ ކޯޓުގެ މަސައްކަތް ކޮންޓްރެކްޓް ކުރެވި ލަސްތަކެއް ނުވެ މަސައްކަތް ފެށޭނެކަން ހާމަކުރެއްވިއެެވެ. އަދި ހެލްތު ސެންޓަރު ތަރައްގީކުރުމުގެ މަޝްރޫއު އަވަސްކޮށް،، ފެންވަރު ރަނގަޅު ހިދުމަތްތައް ދެވެން ފެށޭނެކަން ވެސް ހާމަކުރައްވާފައި ވެއެވެ.