ރާއްޖެ ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ގުޅާލުމަށް ކުރިއަށް ގެންދާ އިންޓަގްރޭޓޭޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ދެވަނަ ފިޔަވަހީގެ ދަށުން ހުވަދު އަތޮޅުގައި މިއަދު ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ހިދުމަތް ފަށައިފިއެވެ.

މިއީ ޒޯން ފަހެއްގައި ހިމެނޭ ދެ އަތޮޅެއެވެ. އެގޮތުން ގއ. ގދ. ގައި މި ހިދުމަތް ފައްޓަވައިދެއްްވީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ސީއީއޯ އާދަމް އާޒިމެވެ.

Ad
rt

ހުވަދު އަތޮޅުގައި ފެރީގެ ހިދުމަތް ފަށަން ބޭނުންވާ ހަ ލޯންޗު އެ އަތޮޅަށް ފުރުވާލީ މި މަހުގެ ހަވަނަ ދުވަހުއެވެ. އެ ހިދުމަތް މިއަދު ހުވަދު އަތޮޅުގައި ފެށި އިރު، މިއަދުން ފެށިގެން އެއް ހަފުތާގެ މުއްދަތަށް އާރުޓީއެލް ފެރީގެ ދަތުރުތައް ކޮށްދޭނީ ފީއެއް ނުނަގައެވެ. އެ މުއްދަތުގައި ދަތުރުކުރުމަށް ޖާގަ ހޯދަން ގުޅަންޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ.

އެމްޓީސީސީން ބުނީ، ހިލޭ ދަތުރުތައް ކޮށްދެނީ ފެރީ ޝެޑިއުލަށް އަހުލުވެރިކޮށް، އެ ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދިނުމަށާއި ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާކުރުމަށް ކަމަށެވެ.

އެމްޓީސީސީން ބުނީ، 20 ޖުލައިން ފެށިގެން ފެރީ ހިދުމަތުން ފައިސާ ނަގަން ފެށުމުން ކަސްޓަމަރުން ޓިކެޓު ގަންނަން ޖެހޭނީ އެ ކުންފުނިން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް ނުވަތަ އާރުޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ކަމަށެވެ. އަގު ނަގަން ފެށި ނަމަވެސް، އެންސްޕާގައި ރަޖިސްޓްރީ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ތިން އަހަރުން ދަށް އަދި 65 އަހަރުން މަތީގެ މީހުންނަޡް ހިލޭ ދަތުރުކުރެވޭނެއެވެ.

އާރުޓީއެލް ފެރީ ހިދުމަތް ހަފުތާއަކު ހަތް ދުވަހު ލިބޭނެއެވެ. ގއ. ގދ. ގައި، އާރުޓީއެލްއިން ހަ ސްޕީޑް ފެރީ މެދުވެރިކޮށް ނުވަ ރޫޓަކުން ލިބޭނެ ކަމަށެވެ. ފެރީގެ ހިދުމަތުގެ ޝެޑިއުލް އާރުޓީއެލް ވެބްސައިޓް އަދި އާރުޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނާނެއެވެ.

ހުވަދު އަތޮޅުގައި ބޭނުންކުރާ އާރުޓީއެލް ފެރީތަކަކީ 50 ފަސިންޖަރުންގެ ޖާގައިގެ އޭސީ ކޮށްފައިވާ ލޯންޗުތަކެކެވެ. އެ އުޅަނދުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަކޮށްފައިވާ ވީލްޗެއާ ސްޕޭސް އާއި ސްޓްރެޗާ ސްޕޭސްވެސް ހުރެއެވެ.