ފަނޑިޔާރުގެއަށް ސަރުކާރުން ނުފޫޒު ފޯރުވި ދުވަސް މާޒީވެގެން ހިނގައްޖެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން ކ. އަތޮޅުގެ ތިން ރަށަކަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ވެރިކަމުގައި ތިބެގެން މުޒާހަރާކުރުމަކީ އެއީ މިހާރު މާޒީ ކަމަށާއި އެތައް ހުރަސްތަކަށް ފަހު ގައުމު މިހާރު އަމާން ބަނދަރަކަށް އާދެވިފައިވާ ކަމަށެވެ. އަދި ގައުމު ހަލަބޮލިކަމެއްގެ ތެރޭގައި އޮއްވާ ގައުމު ތަރައްގީ ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ވެރިކަމުގައި ތިބެ މުޒާހަރާ އަށް ނުކުންނަން ޖެހުނީމަ އެއީ ވިސްނަން ޖެހޭ ކަމެއް. އެސިޔާސަތާއި މެދު ވިސްނަން ޖެހޭ." ރައީސް ވިދާޅުވިއެވެ.
ރައީސް ސާލިހު ކެމްޕޭން ދަތުރުފުޅެއްގައި މާލެއަތޮޅުގެ 3 ރަށަކަށް ފުރާވަޑައިގެންނެވީ މިއަދުއެވެ. މި ދަތުރުފުޅުގައި ގުޅި، ގުރައިދޫ އަދި މާފުއްޓަށް ވަޑައިގަންނަވާނެއެވެ.
މި ދަތުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ގުރައިދޫގެ އެމްޑީޕީގެ ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވާފައެވެ. އަދި މިއަދު ހަވީރު ގުރައިދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށްފަހު މިރޭ މާފުށީ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ ށ. އަތޮޮޅުގެ ބައެއް ރަށްރަށަށް ވެސް ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ފޯކައިދޫ، ކޮމަންޑޫ، މަރޮށި އަދި ނޫމަރާއަށް ވަޑައިގެން އެރަށްރަށުގައި ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަޝްރޫއުތައް ފައްޓަވައިދެއްވައި، ރައްޔިތުންނާއި ކައުންސިލު އަދި ޑަބްލިއުޑީސީ ގެ މެމްބަރުންނާ ވަނީ ބައްދަލުކުރައްވާފައެެވެ.
މީގެ އިތުރުން މާލޭގައި ދޮރުން ދޮރަށް ހިންގަވާ، އިއްޔެ ވަނީ ގަލޮޅުގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވާ، ރައްޔިތުންގެ ހާލު އޮޅުންފިލުއްވައި، ވާހަކަ ދައްކަވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!