ހުރިހާކަމަކަށްވުރެ ގައުމު އިސްކުރުމަށް ނައިބު ރައީސް ފައިސަލް ނަސީމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ މިއަދު ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބު ރައީސް ވަނީ ގައުމު ކުރިއެރުވުން އެންމެ މުހިންމު ކަމަކަށް ހެދުމަށް ބާރުއަޅުއްވައި، އަދި ގައުމުގެ ތަރައްގީ ހާސިލުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ވެސް ބާރުއަޅުއްވާފައެވެ. އަދި އިގްތިސާދީ ބޮޑު ބަދަލަކަށް ވިސްނުންނެރެ، މަސައްކަތުގެ މައިދާނުގައި އުޅޭބައެއްގެ ގޮތުގައި ވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އަންހެނުންނަށް ހުރިހާ ދާއިރާތަކުން ވެސް ފުރުސަތު ފަހިކޮށްދިނުމަށް އިތުރަށް މަސައްކަތްކުރުމަށާއި ހަމަޖެހޭ އަމާން މުޖުތަމަޢެއް ބިނާކުރުމަށް އަންހެނުންގެ ދައުރު ވަރަށް މުހިންމު ކަމުގައި ވެސް ވިދާޅުވިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްދިޔަ މި ޖަލްސާގައި ނައިބު ވަނީ ގައުމު ތަރައްގީކުރުމުގެ މަސައްކަތުގައި މިހާރަށްވުރެ ވެސް އަންހެނުންގެ ދައުރު އިތުރުކުރުމަށް ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި މި ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށްޓަކައި ކޮށްފައިވާ މުހިންމު ކަންކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައި ވެއެވެ.
"ސްޓޭޓް އޮފް ވަރލްޑް ޕޮޕިއުލޭޝަން ރިޕޯޓް" އަދި "ބޯހިމެނުން 2022" ގެ ނަތީޖާއާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވަނީ މި މަސައްކަތް ކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ބޯހިމެނުމުން ފެނިގެންދިޔަ ނަތީޖާއިން ރާއްޖެ ތަރައްގީ ކުރުމުގެ ކަންކަން ޕްލޭން ކުރުމުގައި އެންމެ މުހިންމު ދާއިރާތައް ދެނެގަނެވި އެދާއިރާތަކަށް އަހަންމިއްޔަތުކަން ދޭން ފަސޭހައަކަށް ވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
އެމަނިކުފާނު ވަނީ ޔޫ.އެން.އެފް.ޕީ.އޭ. އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގުޅިގެން ކުރިއަށްގެންދިޔަ "ފޮރ އެވްރީ އޭޖް" ފޮޓޯ މައުރަޒު ބައްލަވާލައްވާފައެވެ.
އިސްލާމީ މަރުކަޒުގެ ކޮރިޑޯގައި ކުރިއަށްގެންދިޔަ މި މައުރަޒުގައި ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި ވަކިވަކި ފަރުދުންގެ ތަފާތު ވާހަކަތަކާއި ތަޖުރިބާތައް ދައްކާލާފައިވެއެވެ. އަދި މި މައުރަޒަކީ އާބާދީ މުސްކުޅިވުން ހުއްޓުވުމުގައި ލައިފް-ސައިކަލް އެޕްރޯޗާއި ޖެންޑާ ޑައިމެންޝަނަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ފެންވަރުގައި ވަކާލާތު ކުރުމުގެ ކެމްޕެއިންގެ ދަށުން ކުރިއަށް ގެންދިޔަ މައުރަޒެކެވެ.
މި މައުރަޒުގައި 10 ފޮޓޯ ދައްކާލާފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!