ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އޮތީ ބައިބައިވުން އުފެދިފައިކަމަށް އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ ބުނެފިއެވެ.
ފްރާންސްގެ ފުޓްބޯޅަ މެގަޒިންއެއް ކަމަށްވާ ލެކީޕް އަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ އެހެން ބުނެފައިވާކަމަށް އެ މެގަޒިންއިން ރިޕޯޓް ކޮށްފައިވަނީ އިއްޔެއެވެ.
އުމުރުން 24 އަހަރުގެ އެމްބާޕޭ ޕީއެސްޖީއާއިއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާއިރު، ކޮންޓްރެކްޓް އައު ނުކުރާނެކަން އޭނާ މިހާރު ވަނީ ޕީއެސްޖީއަށް އަންގާފައެވެ. ވުމާއެކު އޭނާއާއި ކުލަބާއި ދެމެދު މިހާރު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދިފައެވެ.
ޕީއެސްޖީގެ ކޯޗަކަށް ސްޕެއިންއާއި ބާސެލޯނާގެ ކުރީގެ ކޯޗް ލުއިސް އެންރީކޭ ރަސްމީކޮށް ހަމަޖެއްސައި މީޑިއާއާއިއެކު ބޭއްވި ބައްދަލުވުމުގައި ޕީއެސްޖީގެ ރައީސް އަލް ޚެލައިފީ ބުނެފައިވަނީ އެމްބާޕޭ އެ ޓީމުގައި މަޑުކުރަން ބޭނުންނަމަ އެއްބަސްވުން އައުކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށާއި، އެއްބަސްވުން އައު ނުކުރާނަމަ މި ޓްރާންސްފާ މާކެޓްގައި އޭނާ ޓީމް ދުކޮށްލަން ޖެހޭނެ ކަމަށެވެ. ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހިލޭ ޓްރާންސްފާއެއްގައި ޓީމް ދޫކޮށްލުމަކީ ވާނެ ކަމެއް ނޫން ކަމުގައި ޕީއެސްޖީގެ ރައީސް އަލް ޚެލައިފީ ވަނީ ބުނެފައެވެ.
"ޕީއެސްޖީއަކީ ބައިބައިވެފައިވާ ކުލަބަކަށް ވާތީ، އަހަރެންނަށް ހީވަނީ ޕީއެސްޖީއަށް ކުޅެގެން މާބޮޑު އެހީތެރިކަމެއް ނުލިބޭހެން،" އެމްބާޕޭ ބުނެފައިވެއެވެ.
ޕީއެސްޖީއާއި އެމްބާޕޭއާއި ދެމެދު ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި އޭނާ ސްޕެއިންގެ ރެއާލް މެޑްރިޑާއި ގުޅެން އުޅޭކަމުގެ އަޑުތައް ވަނީ މީޑިއާގައި އަނެއްކާ ވެސް ގަދަވެފައެވެ.
އެމްބާޕޭއަކީ ސްޕެއިންގެ ރެއާލް މެޑްރިޑުން އެ ޓީމަށް ގެންނަން އެންމެ ބޭނުންވާ ކުޅުންތެރިޔާއެވެ. މިގޮތުން ރެއާލުން ފާއިތުވި ދެ އަހަރު ވެސް އޭނާ ހޯދަން މަސައްކަތް ކުރިއެވެ. ނަމަވެސް އެކަން އަދި ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.
މޮނާކޯ ދޫކޮށް ލޯނު އެއްބަސްވުމެއްގެ ދަށުން އެމްބާޕޭ ފުރަތަމަ ޕީއެސްޖީއާއި ގުޅުނީ 2017 ވަނަ އަހަރުއެވެ. އެ ސީޒަން ނިމުމުން ޕީއެސްޖީން ވަނީ އޭނާއާއިއެކު ދާއިމީ އެއްބަސްވުމެއް ހަދާފައެވެ.
ފާއިތުވި ހަ ސީޒަންގައި އޭނާ ޕީއެސްޖީއަށް ކުޅެދިން 260 މެޗުގައ އޭނާ ވަނީ 212 ލަނޑު ޖަހާފައެވެ. އެ ހަ ސީޒަންގައި އޭނާ ވަނީ ޕީއެސްޖީއާއިއެކު ފަސްފަހަރު ފްރާންސް ލީގު ކާމިޔާބު ކޮށްފައެވެ. އެ ކޮންމެ ސީޒަނެއްގައި ވެސް އެންމެ ގިނަ ލަނޑު ޖެހީ އޭނާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!