ސްވިޒަލެންޑާއި އާސެނަލްގެ ވެސް ކެޕްޓަންކަން ކުރަމުން އަންނަ ގްރޭނިޓް ޝަކާ، އާސެނަލް ދޫކޮށް ޖަރުމަނު ލީގުގެ ބަޔާން ލެވަކޫސަންއާއި ގުޅިއްޖެއެވެ.
އުމުރުން 30 އަހަރުގެ ޝަކާ އާސެނަލާއިއެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އޮއްވައި އޭނާ މިވަނީ އާސެނަލް ދޫކޮށް 25 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއްގެ ދަށުން ފަސް އަހަރުގެ އެއްބަސްވުމެއްގައި ލެވަކޫސަންއަށް ސޮއި ކޮށްފައެވެ.
ޝަކާ އާސެނަލާއި ގުޅިފައި ވަނީ ޖަރުމަނުގެ ބްރޫޝިއާ މޮންޗެންގްލެޑްބަކްގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު 2016 ވަނަ އަހަރުއެވެ.
ފާއިތުވި އަހަރުތަކުގައި އާސެނަލްގެ މެދުތެރޭ އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރުއަކީ ޝަކާއެވެ. ޝަކާ ވަނީ އާސެނަލަށް ކުޅެދިން 297 މެޗުގައި 23 ލަނޑު ޖަހާފައެވެ. އޭނާވަނީ އާސެނަލްއާއިއެކު އެފްއޭ ކަޕް ދެފަހަރު ކާމިޔާބު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!