މިއަހަރުގެ އަޟުހާ އީދު ފާހަގަކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަނބިކަނބަލުން ފަޒުނާ އަހްމަދު އއ. ތޮއްޑޫއަށް ވަޑައިގެންފިއެވެ.
އެ ދެކަނބަކުން އެރަށަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބަނދަރު ސަރަހައްދަށް ޖަމާވެފައެވެ.
އީދާއި ގުޅިގެން ތޮއްޑޫގައި ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިއަދު މެންދުރު ބޮޑު ޖާފަތެއް ބޭއްވުމަށް ވަނީ ހަމެޖެހިފައެވެ. މިޖާފަތުގައި ރައީސް އާއި ރަށުގެ ރައްޔިތުން ބައިވެރިވާނެއެވެ.
މީގެ އިތުރުން އެރަށުގައި މިއަދާއި މިރޭ ކުރިއަށްގެންދާ ހަރަކާތްތަކުގައި ވެސް ރައީސްގެ ދެ ކަނބަލުނން ބައިވެރިވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އީދުގެ ތަހުނިޔާ ރައްޔިތުންނަށް ފޮނުވައި ރައީސް ފޮނުވި ޚިތާބުގައި ވަނީ ރުޅިވެރިކަމާއި އަނިޔާވެރިކަމުން ދުރުހެލިވެ، އެންމެން ގުޅިގެން ދިރިއުޅުމުގެ ހިތްހަމަޖެހުން ހޯދުމަށް އެދިވަޑައިގެންފައެވެ. އަދި އީދުގައި އުފާ ފާޅުކުރާއިރު، މައިންބަފައިންނާ ބައްދަލުކޮށް، އިޙްތިރާމާއި އޯގާތެރިކަމާއެކު ޢީދުގެ ތަހުނިޔާ ކިޔައި ގުޅުން ބަދަހިކުރުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.
މީގެ އިތުރުން އަނބިދަރިންނަށް ހަދިޔާ ދީ ލޯތްބާއި ކުލުނާއެކު އީދުގެ އުފާ ފާޅުކުރުމަށާއި ގާތްތިމާގެ މީހުންނަށާއި ރައްޓެހި ރަޙުމަތްތެރިންނަށް ޒިޔާރަތްކޮށް، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު އީދުގެ ތަހުނިޔާ ބަދަލުކޮށް އުފާވެރި ހިނިތުންވުމަކާއެކު ކޮންމެ މީހަކާ ވެސް ބައްދަލުކޮށް، މުޖްތަމަޢުގައި ހިތްހަމަޖެހުމާއި އަމާންކަން ފެތުރުމަށް މަސައްކަތްކުރުމަށް ވަނީ ބާރުއަޅުއްވާފައެވެ.
ހަމަމިއާއެކު ފަޤީރުންނާއި މިސްކީނުންނަށް އެހީތެރިވުމަށާއި، ފޯރުންތެރިކަމުގެ އަހުލުވެރިން އިސްނަގައި، ނިކަމެތިންނަށް އެހީތެރިވުމަށް ވެސް ރައީސްގެ ޚިތާބުގައި ބާރުއަޅުއްވާފައި ވެއެވެ.
އީދުގެ އެންމެ މަތިވެރި މަގުސަދަކީ އެކަކު އަނެކަކަށް މައާފްކޮށް ހިތްހެޔޮކުރުންކަމުގައި ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!