ޕްރިމިއާ ލީގުގެ ޗެލްސީއަށް ކުޅެމުން އައި ސެނެގާލްގެ ސެންޓަ ޑިފެންޑަރ ކަލިދޫ ކުލިބާލީ ސައުދީ ލީގުގެ އަލް ހިލާލްއަށް ބަދަލުވެއްޖެއެވެ.

އުމުރުން 32 އަހަރުގެ ކުލިބާލީ އަލް ހިލާލްއަށް ބަދަލުވެފައިވާ އަގު މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. ކުލިބާލީގެ އިތުރުން ވުލްވްސްގެ ކެޕްޓަން ރުބެން ނެވޭސް ވެސް ވަނީ ދާދި ފަހުން އަލް ހިލާލްއަށް ބަދަލުވެފައެވެ.

Ad
rt

ޔޫރަޕްގެ އެންމެ މަތީ ފަންތީގެ ލީގުތަކުގައި ކުޅެމުން އަންނަ އެންމެ މަތީފަންތީގެ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ސައުދީ ލީގުގެ ޓީމްތަކުން ކުރަމުން އަންނައިރު، މި ޓްރާންސްފާ މާކެޓުގައި ސައުދީގެ އަލް އިއްތިހާދުން ވަނީ ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާގެ ސޮއި ވެސް ހޯދާފައެވެ. މީގެ އިތުރުން އަލް އިއްތިހާދުން ވަނީ ޗެލްސީގެ މިޑްފީލްޑަރ ކަންޓޭ ވެސް އެ ޓީމާއި ގުޅެން ނިންމާފައިވާކަން އިއުލާން ކޮށްފައެވެ. އަދި ޗެލްސީގެ ކީޕަރ މެންޑީ ހޯދުމުގެ މަސައްކަތް ސައުދީ ލީގުގެ އަލް އަހްލީ އިން އަންނަނީ ކުރަމުންނެވެ.

ކުލިބާލީ ޗެލްސީއާއި ގުޅިފައިވަނީ އިޓަލީގެ ނަޕޯލީން ފާއިތުވި އަހަރު ޖުލައި މަހުއެވެ. އޭނާ ނަޕޯލީއާއިއެކު 2020 ވަނަ އަހަރު ވަނީ އިޓާލިއަން ކަޕް ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ސެނަގާލުން 2022 ވަނަ އަހަރު އެފްރިކަން ކަޕް އޮފް ނޭޝަންސް ކާމިޔާބުކުރި އިރު އެ ޓީމްގައި ވެސް އޭނާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ސެނަގާލްގެ ގައުމީ ޓީމަށް 71 މެޗު ކުޅެފައެވެ.

ހުރިހާ މުބާރާތެއް ހިމެނޭހެން އޭނާ ޗެލްސީއަށް ކުޅެފައިވަނީ 32 މެޗެވެ. އެ މެޗުތަކުގައި އޭނާ ވަނީ ޗެލްސީއަށް ދެ ލަނޑު ޖަހައިދީފައެވެ.

ޗެލްސީ ދޫކޮށްލާކަން އިއުލާން ކުރަމުން ކުލިބާލީ ބުނީ ފާއިތުވި ސީޒަން ދިޔައީ އެންމެ ބޭނުންވާ ގޮތަށް ނޫން ކަމަށާއި ނަމަވެސް ދެއްވި ސަޕޯޓަށް ކުލަބުގެ ސަޕޯޓަރުންނާއި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އެންމެ ފުރަތަމަ މެޗުން ފެށިގެން އެންމެ ފަހު މެޗާ ހިސާބަށް ވެސް ޗެލްސީއަށް ކުޅުމަކީ ޝަރަފެއްގެ ގޮތުގައި ދެކޭކަމުގައި އޭނާ ވަނީ ބުނެފައެވެ.