ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.
އެ ޕާޓީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، އެމް.ޑީ.ޕީން ވަކިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްކޮށް ތިއްބަވައިގެން އުފައްދަވަން މަސައްކަތްކުރައްވާ ޕާޓީއެކެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް، ޖަލްސާ ބޭއްވުމުގެ ހުއްދަ، ޖުލައި 2 ވާ އާދީއްތަ ދުވަހު ދިނުމަށް އެ ކޮމިޝަނުން ނިންމަފައިވާކަމަށެވެ.
މިކަން އެޕާޓީ އުފެއްދުމުގެ ހުއްދަ އަށް އެދިވަޑައިގަތް، ހ. ސީވީޑް އަލްއުސްތާޛް ޙަސަން ލަތީފަށް އަންގާފައިވާނެ ކަމަށް ވެސް ހަބީބު ވިދާޅުވެފައި ވެއެެވެ.
އެ ޕާޓީ އުފެެއްދުމަށް ބާއްވާ ޖަލްސާ ބޭއްވުމުގެ ހުއްދަ އީސީ އިން ދީފައި މިވަނީ އެ ކޮމިޝަންގެ މެމްބަރުންގެ ތެރޭގައި ޚިޔާލް ތަފާތުވެފައި އޮތުމަށް ފަހުއެވެ.
އެގޮތުން ކޮމިޝަންގެ މެމްބަރުންގެ ތެރެއިން ޑިމޮކްރެޓްސް އުފައްދުމުގެ ޖަލްސާ ބާއްވާން ދެކޮޅު ހެއްދެވީ ކޮމިޝަންގެ މެމްބަރު ނަޝާތާއި، އާސިފެވެ.
ފޯމުތައް ޑަބަލް ޗެކް ކުރުމަށް ބޭނުންވާކަމަށް ބުނުމުން، އިލެކްޝަނުން ދެ ފަހަރެއްގެ މަތީން ފޯމުތައް ޗެކްކުރި އިރުވެސް ފޯމުތަކުގައި އެއްވެސް މައްސަލައެއް ނެތްކަން ކުރިންވެސް ވަނީ ބުނެފައެވެ.
އިލެކްޝަނުން މިހުއްދަ ދޭން ނިންމުމާއިއެކު ދަ ޑިމޮކްރެޓްސް އަށް ކުރިއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ކެނޑިޑޭޓަކު ނެރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.
ދަ ޑިމޮކްރެޓްސްއަކީ އެމްޑީޕީ ތެރެއިން އުފެދިގެންއައި ސިޔާސީ ހަރަކާތަކަށްވުމުން، މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ސިޔާސީ ގޮތުން ކުރިމަތިވާނެ އެންމެބޮޑު ހުރަހެވެ. ޑިމޮކްރެޓްސްގެ ސިޔާސީ މަސައްކަތް ފަށާފައިވާއިރު، އެމްޑީޕީގެ ރައީސް ކަމުގެ މަޤާމުންނާއި މެމްބަރުކަމުން ނަޝީދު ވަނީ އިސްތިއުފާ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!