މަސްތުވާތަކެތި އެތެެރެކުރުން ހުއްޓުވައިގެން ނޫނީ ރާއްޖެއަށް ސަލާމަތެއް ނެތް ކަމަށާއި، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެެރިކަމެއްގައި މަސްތުވާތަކެތި ޓްރެފިކް ކުރާ މީހުންނަށް މަރުގެ އަދަބު ދެއްވާނެކަމަށް އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެމްބަރު އަދި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމްއެންޕީން ހިންގާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން "ނުއިވޭ އަޑުތައް" ނަމުގައި ރޭ ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލު ހޯލުގައި ބޭއްވި މި ހަރަކާތުގައި ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމެއްގައި، ރާއްޖެއަށް މަސްތުވާތަކެތި އެެތެރެކުރާ މީހާއަށް ދުލެއް ނުދޭނެ ކަމަށެވެ.

މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވެއްޖެ ނަމަ ވަކި ގައުމެއް ބެލުމެއް ނެތި މަރުގެ އަދަބު ދޭނެކަން ހާމަކުރައްވައި އޭނާ ވިދާޅުވީ އެއީ ކޮން ސިފައެއްގައި ހުރި މީހެއްތޯ ނުވަތަ ބަލިމީހެއްތޯ ބެލުމެއް ނެތި މަރުގެ އަދަބު ދޭނެ ކަމަށެވެ.

ނާޒިމް ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ އަތުން މަސްތުވާތަކެތި އަތުލުމަށް ފަހު އެ މީހުން އަނބުރާ ގައުމަށް ފޮނުވާލެވޭ ގޮތަށް ގަވައިދަށް ގެނައި އިސްލާހާ ގުޅިގެން ވަަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ މަސްތުވާތަކެތި އެތެރެވާކަން އެނގުނަސް، އެތެރެ ކުރާ މީހާ ދޫވެގެންދާ ތަން އާންމުކޮށް ފެނަންނަ ކަމަށާއި އެމީހުން ގެންނަ މަސްތުވާތަކެއްޗަށް ވެސް ވާ ނުވާ ނޭގޭ ކަމަށެވެ.