ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ނިންމާލައި ޗުއްޓީއަށް ހިނގައްޖެއެވެ.
މިފަހަކަށް އައިސް މިދައުރުގެ ޖަލްސާތައް ނުބޭއްވި ދުވަސްތަކެއް ދިއުމަށްފަހު މިއަދުގެ ޖަލްސާ ބާއްވާފައިވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރިޔާސަތުގައި އިންނަވައިގެންނެވެ. އެމަނިކުފާނު ރިޔާސަތުގައި އިންނަވަން އުޒުރުވެރިވެވަޑައިގެންފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވާތީއެވެ.
މިދައުރުގެ ޖަލްސާތައް ނިންމާލައި މަޖިލިސް ޗުއްޓީއަށްދިޔައިރު، ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލުތަކެއްގެ މަސައްކަތާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ ނުނިމިއެވެ. އަދި މަޖިލީހުގެ ރައީސް ނަޝީދާއި ނައިބުރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް އޮތީ ނުނިމިއެވެ.
މީގެ އިތުރުން މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ވެސް އޮތީ ނުނިމިއެވެ.
މަޖިލީހަށް ހުށަހަޅާފައި ހުރި މުހިންމު ކަންކަން ނިންމަން މިދައުރު ދިގު ދަންމާލުމަށް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީން ހުށަހެޅިނަމަވެސް މަޖިލީހުގެ ރައީސް ނަޝީދު ވަނީ މިއަދު ބޭއްވި ޖަލްސާ އަކީ މި ދައުރުގެ ފަހު ޖަލްސާ ކަމަށް ވިދާޅުވެ، މި ދައުރުގެ ޖަލްސާތައް ނިންމާލާފައެވެ.
މަޖިލިހުގެ ޖަލްސާތައް ހުއްޓިފައި މިވަނީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން މަޖިލިހަށް ހުށަހަޅާފައިވާ ވަގުތެއްގައެވެ.
ނަޝީދު ވިދާޅުވަމުން ގެންދަނީ މީގެއިން އެއް މައްސަލަ ނެގުމުން މަޖިލިހުގެ ޖަލްސާތައް ނުހުއްޓޭނެ ކަމަށެވެ.
އެހެންނަމެސް އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ އިތުބާރު ނެތް ބައެއްގެ މައްސައެއް އަނބުރާ ނުނެންގެވޭނެ ކަމަށާއި ނަޝީދު އާއި އީވާގެ އިތުބާރު ގެއްލިފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!