ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅާފައިވާއިރު، އެ ޕާޓީ ރަޖިސްޓްރީ ކުރުން ލަސްކުރާ ކަމަށް ބެލެވޭކަމަށްބުނެ، އެ ޕާޓީ ރަޖިސްޓަރީ ކުރުމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުން މިއަދު އީސީ އަށް ހިނގައްޖެއެވެ.

"ދަ ޑިމޮކްރެޓްސް" އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީއެކެވެ.

Ad
rt

"ދަ ޑިމޮކްރެޓްސް" ނަމުގައި ހިންގާ ޓްވީޓާ އެކައުންޓަކުން ބުނީ"ދަ ޑިމޮކްރެޓްސް" ރަޖިސްޓަރީ ލަސްވާކަމަށް ބެލެވޭތީ އެކަމުގައި އިސްކޮށް އުޅުއްވާ ބައެއް ބޭފުޅުންނާއި ސަޕޯޓަރުން ވަނީ މިއަދު އީސީ އަށް ގޮސްފައިވާ ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އުފެއްދުމަށް ހުށަހަޅާފައިވާ މި ޕާޓީ އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމްތައް އީސީއާއި ހަވާލުކުރީ 1 ޖޫން 2023 ގައެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމަށް 3,560 މެންބަރުންގެ ފޯމު ހުށަހަޅާފަވެއެވެ.

"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން އިން ދިނީ މިދިޔަ މޭ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ޕާޓީ ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހެޅީ 21 މޭ 2023 ގައެވެ.