ސީޝެލްސްގެ ރައީސް ވޭވަލް ރާމްކަލާވަން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ލިންޑާ ރަމްކަލަވަން ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ރާއްޖެވަޑައިގެންފިއެވެ.
ސީޝެލްސްގެ ރައީސްގެ ދެކަނބަލުން ރާއްޖެއަށް މިއަދު ފެއްޓެވި ފުރަމާނަ ދަތުރުފުޅަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ސީޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ރާއްޖެވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަށް އެއާޕޯޓު (ވީއައިއޭ) އިން އެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު (ނ.ޢ.ޢ.ވ)އެވެ.
ސޭޝެލްސްގެ ރައީސްގެ ދެކަނބަލުންނަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު ބާއްވަން ނިންމާފައި ވަނީ އަންނަ ހޯމަ ދުވަހުގައެވެ.
ސޭޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންގެ މި ދަތުރުފުޅުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ދެ ޤައުމުގެ ދެމެދު ރަސްމީ މަޝްވަރާތައް ބާއްވަން ނިންމާފައިވާއިރު، އަދި ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުންތައް ބަދަލުކުރުމާއި ދެ ޤައުމުގެ ލީޑަރުން މަޝްވަރާކުރެއްވި ކަންކަމާއި ގުޅޭގޮތުން މީޑިޔާއަށް މަޢުލޫމާތު ދެއްވުމުގެ އިތުރުން ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.
ދިވެހިރާއްޖެއާ ސޭޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1 ޖުލައި 1980 ވަނައަހަރުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!