ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނީ އެސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ ސަރަހައްދުގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް ލަފާ ކުރެވޭތީ މިއަދު މެންދުރުފަު 3 ޖެހުމާއި ހަމައަށް ހުދު ސަމާލު ނެރެފައިވާއިރު، މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައިވާގޮތުން ރާއްޖޭގެ ދެކުނާއި މެދުރާއްޖެއަށް ކެރީގެ އަސަރު ފޯރާނެއެވެ.
ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަށް އަށް މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބްލެޓިން ގައި ވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކަނޑުތަކަށް ބަލައިލާއިރު، ދެކުނުގެ ކަނޑުތައް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ރާޅުގެ އުސްމިން ދެ ފޫޓާއި ފަސް ފޫޓާއި ދެމެދުގައި ހުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!