'ވިޒިޓް މޯލްޑިވްސް ސްޓޯރީޓެލަރސް ކޮންފަރެންސް '2023 ނިންމާލައި، ބައިވެރިން ރާއްޖޭގެ ތަފާތު 8 ސަރަޙައްދަކަށް ދަތުރު ފަށައިފިއެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ ވިޒިޓް މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން މި ކޮންފަރެންސް ބާއްވާފައިވަނީ 23 މެއި ގައި ކްރޮސްރޯޑްސްގައެވެ.
މި ކޮންފަރަންސް ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 70 އަށް ވުރެ ގިނަ ކޮންޓެންޓް ކްރިއޭޓަރުންނާއި ނޫސްވެރިންނާއި ބްލޮގަރުންނާއި އިންޑަސްޓްރީގެ ޕްރޮފެޝަނަލުން ބައިވެރިވެފައި ވެއެވެ.
ރާއްޖޭގެ ހައިރާންކުރުވަނިވި ޤުދުރަތީ ރީތިކަން އަމިއްލައަށް ތަޖުރިބާކޮށް، އެ ތަޖުރިބާތައް އެކަކު އަނެކަކާ ހިއްސާކޮށް މަޝްވަރާކުރުމަށް ބޭއްވުނު ވިޒިޓް މޯލްޑިވްސް ސްޓޯރީ ޓެލަރސް ކޮންފަރަންސަކީ، މިހާތަނަށް ބާއްވާފައިނުވާ ފަދަ ތަފާތު އިވެންޓެކެވެ.
މި އިވެންޓުގައި ބައިވެރިން ވަނީ، ދާއިރާގެ ތަޖުރިބާކާރުން އިސްކޮށް ތިބެ، ރާއްޖެއާ ގުޅޭ ތަފާތު މައުޟޫތަކާ ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ. އަދި ޕެނަލް ޑިސްކަޝަންތަކުގައާއި އިންޓަރެކްޓިވް ވޯކްޝޮޕްތަކުގައި އަދި ނެޓްވޯކިންގ ސެޝަންތަކުގައި ބައިވެރިވެފައެވެ.
މި ސެޝަންތަކުގައި، ދެމެހެއްޓެނިވި ފަތުރުވެރިކަމާއި، ޒިންމާދާރު ދަތުރުފަތުރާއި، ސަގާފަތް ރައްކާތެރިކުރުމާއި، ޑެސްޓިނޭޝަންތައް ޕްރޮމޯޓްކުރުމުގައި ވާހަކަ އާއި ކޮންޓެންޓް ބޭނުންކުރެވިދާނެ ގޮތްތަކާއި، އެ ފަދަ ވާހަކަތަކުން ބެލުންތެރިންނާއި ކިއުންތެރިން ޑެސްޓިނޭޝަންތަކާ މެދު ޝައުގުވެރިކުރުވޭ މިންވަރާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ.
ކޮންފަރެންސް ނިމުމުން ބައިވެރިން، މިހާރު ވަނީ ރާއްޖޭގެ 8 ސަރަޙައްދަކަށް ދަތުރު ފަށާފައެވެ.
މި ކޮންފަރަންސްގެ ސައިޑްލައިން ހަރަކާތްތައް ހިންގުމަށް ހޮވާފައިވާ ސަރަޙައްދުތަކަކީ ރ. އަތޮޅު، ލ. އަތޮޅު، އަރި އަތޮޅު، ވ. އަތޮޅު، ކ. އަތޮޅު، އައްޑޫ އަތޮޅު، ފުވައްމުލައް، އަދި ހއ. އަތޮޅާއި ހދ. އަތޮޅެވެ.
މި ދަތުރުތަކުގައި ރާއްޖޭގެ ގުދުރަތީ އަޖައިބުތައް ދެނެގަނު، ތަޖުރިބާކޮށް، އެ ސަރަހައްދުތަކުގައި ހުރި ތަފާތު ހަރަކާތްތަކުގައި 3 ދުވަސް މަތިން ބައިވެރިވެ، އެ ތަޖުރިބާތައް ދުނިޔެއާ ހިއްސާ ކުރުމަށް، ހަނދާން ނައްތާނުލެވޭ އަދި ޝައުގުވެރިވާ ފަދަ ތަފާތު ވާހަކަތަކެއް އުފެއްދުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.
މޮކޮންފަރެންސަކީ ރާއްޖެ ޕްރިމިއަރ ޓޫރިސްޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ޕްރޮމޯޓްކޮށް، ރާއްޖޭ ސާފު ގޮނޑުދޮށްތަކާއި މޫދާއި، ކަނޑުގެ ދިރުންތަކާއި މުއްސަނދި ސަގާފީ ތަރިކަ މުޅި ދުނިޔެއަށް ދައްކާލުމަށް އިންތިޒާމްކުރެވުނު މުހިންމު ޕްލެޓްފޯމެކެވެ.
މި ކޮންފަރެންސްގެ އެއް މަގުސަދަކީ ސްޓޯރީޓެލިންގ ބޭނުންކޮށްގެން ދުނިޔޭގެ ހުރިހާ ހިސާބަކުން ފަތުރުވެރިން ރާއްޖެއާ މެދު ޝައުގުވެރިކުރުވާ، ރާއްޖޭގެ ރީތިކަމާއި ރިވެތި މެހެމާންދާރީ ތަޖުރިބާ ކުރުމަށް ދައުވަތު ދިނުމެވެ.
މީގެ އިތުރުން، އިންފްލުއެންސަރުންނާއި ބްލޮގަރުންނާއި ޓްރެވަލް ރައިޓަރުންގެ މެދުގައި ރާއްޖޭގެ މައިސް ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ސެގްމަންޓްތަކަށް ހޭލުންތެރިކުރުވުން ވެސް މި ކޮންފަރެންސްގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ކޮންފަރެންސްގައި ހޯސްޓް ޕްރޮޕަޓީގެ ގޮތުގައި ކްރޮސްރޯޑްސް މޯލްޑިވްސް، ސީޕްލޭން ޕާޓްނަރެއްގެ ގޮތުގައި ޓީއެމްއޭ، ޑޮމެސްޓިކް އެއާލައިން ޕާޓްނަރުގެ ގޮތުގައި މޯލްޑިވިއަން، ސީ ޓްރާންސްޕޯޓް ޓްރެވަލް ޕާޓްނަރުގެ ގޮތުގައި ޖަލްބޫޓް މޯލްޑިވްސް، ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަން ޕާޓްނަރުގެ ގޮތުގައި ގޮތުގައި ދިރާގު، ސަސްޓެއިނަބަލް ފިޝަރީޒް ޕާޓްނަރެއްގެ ގޮތުގައި މިފްކޯ އަދި ސަޕޯޓިން ޕާޓްނަރެއްގެ ގޮތުގައި އެމްއޭސީއެލް ވަނީ ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!