ކާބޯތަކެއްޗަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޑް ކާނިވަލް އަންނަ މަހު ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ.

“އާބަންކޯ މޯލްޑިވްސް ފޫޑް ކާނިވަލް 2023” ބާއްވަން ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި މި ޖޫން މަހުގެ 20 – 24 ވަނަ ދުވަހާ ހަމައަށެވެ.

Ad
rt

ތިންކް އެސޯސިއޭޓްސްގެ ފަރާތުން ބާއްވާ މި ހާއްސަ ކާނިވަލަކީ 4 ދުވަހުގެ، މަޖާ އުފާވެރި މާހައުލެއްގައި، ހުރިހާ އުމުރުފުރާއަކަށް ވެސް ބައިވެރިވެވޭނެ ގޮތަށް ގޭމްތަކާއި، ތަފާތު ގިނަ މީރު ކާނާތައް އެއްތަނަކުން ކާނިވަލެއްގެ ސިފައިގައި ތަޖުރިބާ ކޮށްލުމަށް ބާއްވާ ކާނިވަލެކެވެ.

މި ހާއްސަ ކާނިވަލުގައި ރާއްޖޭގެ އެކި ރަހަތަކާއި ދުނިޔޭގެ އެކި ރަހަތައް ލިބިގެންދާނެ ކަމަށް އާބަންކޯއިން ބުންޏެވެ. އަދި ކާބޯތަކެތީގެ ވިޔަފާރީގައި އުޅޭ އެކި ފަންތީގެ ވިޔަފާރިތަކަށް ވެސް އެ ފަރާތްތަކުގެ އުފެއްދުންތައް ދައްކާލުމަށާއި މާކެޓް ކުރުމުގެ ފުރުސަތު މި ކާނިވަލް މެދުވެރިކޮށް ލިބިގެންދާނެ ކަމަަށްވެސް އެ ކުންފުނިން ބުންޏެވެ.

މި ކާނިވަލުގެ ޓައިޓަލް ސްޕޮންސަރުގެ ގޮތުގައި ހަމަޖެހިފައިވަނީ އާބަންކޯއެވެ. މިކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ތިންކް އެސޯސިއޭޓްސް އާއި އާބަންކޯއާ ދެމެދު ސޮއިކޮށްފައެވެ. އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އެވެ. އަދި ތިންކް އެސޯސިއޭޓްސްގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދީލް އިސްމައިލް އެވެ.