ފޮނި ކާއެއްޗެއްސައް ޚާއްޞަ ފިހާރަ "މޯލްޑިވިއަން ޕެޓިސިއެރ އެންޑް އެލް އެންޑް އީވްސް" މިއަދު ހުޅުވައިފިއެވެ.
މި ފިހާރައަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް އެފަދަ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ އެސް.އެމް.އީ ހަބްގައި ޤާއިމުކޮށްފައިވާ ތަނެކެވެ.
ފޮނި ކާއެއްޗެއްސައް ޚާއްޞަ މި ފިހާރަ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓްލޭޑީ ފަޒްނާ އަޙްމަދެވެ.
މި މި ފިހާރަ ހުޅުވައިދެއްވުމަށްފަހު ފަސްޓްލޭޑީ ފަޒްނާ ވަނީ އެސް.އެމް.އީ ހަބުގައި ހުރި އިތުރު ފިހާރަތަކަށް ޒިޔާރަތްކުރައްވައި އެތަންތަނާބެހޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
"މޯލްޑިވިއަން ޕެޓިސިއެރ އެންޑް އެލް އެންޑް އީވްސް" އަކީ ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާގެ މޯލްޑިވްސްގެ ބެސްޓް މޯލްޑިވިއަން ޕޭސްޓްރީ ޝެފް 2022 ކާމިޔާބު ކޮށްފައިވާ އާމިނަތު ހަމީދު އާއި އޭނާގެ ދައްތަ ސޫޒަން ހަމީދު ގުޅިގެން ހިންގާ ސްޓޯލްއެކެވެ.
އާމިނަތު ހަމީދަކީ "މޯލްޑިވިއަން ޕެޓިސިއެރ"ގެ ވެރިޔާއެވެ. އަދި ސޫޒަން ހަމީދަކީ "އެލް އެންޑް އީވްސް"ގެ ވެރިޔާއެވެ. މި ދެކަނބަލުންނަކީ ވެސް ފޮނި ކާއެއްޗެހި ތައްޔާރުކުރުމުގައި ވަރަށް މަޝްހޫރުކަން ހޯދާފައިވާ ދެކަނބަލުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!