އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލްއާއި ބްރައިޓަން ބައްދަލުކުރި މެޗުން ބަލިވެ އާސެނަލުން ލީގު ހޯދުމަށް ކުރަމުން އައި އުންމީދު ނިމުމަކަށް އަތުވެއްޖެއެވެ.

ރޭ އަމިއްލަ ދަނޑުގައި އާސެނަލް ވަނީ 3-0 ގެ ނަތީޖާއިން ބްރައިޓަން އަތުން ބަލިވެފައެވެ.

Ad
rt

މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ސިޓީ އޮތީ ކުޅުނު 35 މެޗުން ލިބުނު 85 ޕޮއިންޓާއި އެކުގައެވެ. ދެވަނާގައި އޮތް އާސެނަލްއަށް 36 މެޗުން 81 ޕޮއިންޓް ވަނީ ލިބިފައެވެ. އާސެނަލުން ސިޓީއަށްވުރެ އެއް މެޗު އިތުރަށް ކުޅެފައިވީ ނަމަވެސް މިހާރު ވެސް މި ދެ ޓީމްގެ ދެމެދުގައި ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ފާއިތުވި ހަ ސީޒަންގެ ތެރޭ ފަސްވަނަ ފަހަރަށް ލީގު ކާމިޔާބު ކުރުމަށް ސިޓީއަށް ދެން ބޭނުންވަނީ އެންމެ މޮޅެކެވެ. އަންނަ އާދީއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސިޓީ ނުކުންނާނީ ޗެލްސީއާއި ދެކޮޅަށެވެ. އެ މެޗު ކާމިޔާބުކޮށް އަމިއްލަ ސަޕޯޓަރުން ކުރިމަތީ ޗެމްޕިއަންކަން ކަށަވަރު ކުރުމުގެ ފުރުޞަތު ސިޓީއަށް އޮތްއިރު، ހޮނިހިރު ދުވަހުގެ ރޭ އާސެނަލްއާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރާ މެޗުން އާސެނަލް ބަލިވެއްޖެނަމަ ޗެލްސީ މެޗުގެ ކުރިން ސިޓީއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެއެވެ.

ރޭ ބްރައިޓަންއާއި ދެކޮޅަށް އަމިއްލަ ދަނޑުގައި އާސެނަލްގެ ފަރާތުން ފެނިފައި ވަނީ ދަށް ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ މެޗުގެ ދެވަނަ ހާފުގައި ބްރައިޓަން އިން ވަނީ ތިން ލަނޑުޖަހައި އާސެނަލް ބަލިކޮށްފައެވެ. އެ ޓީމަށް ލަނޑުތައް ޖަހައިދިނީ އެންސިސޯއާއި، އުންޑާވްގެ އިތުރުން އެސްޓްޕިނަންއެވެ.

ބްރައިޓަން އިން ވަނީ އާސެނަލްގެ ދަނޑުގައި އެންމެ ފަހުން އާސެނަލްއާއި ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފައެވެ. އަންނަ ސީޒަންގައި ޔޫރަޕްގެ މުބާރާތަކުން ފުރުޞަތު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ބްރައިޓަންއަށް މިއީ މުހިންމު މޮޅެކެވެ. އެ ޓީމް މިވަގުތު ތާވަލުގެ ހަވަނާގައި އޮތީ ކުޅުނު 34 މެޗުން ލިބުނު 58 ޕޮއިންޓާއި އެކުގައެވެ. ފަސްވަނާގައި އޮތް ލިވަޕޫލަށް 35 މެޗުން ލިބިފައި ވަނީ 62 ޕޮއިންޓެވެ.