އައްސޭރި ޖަލަށް މަސްތުވާތަކެތި ވައްދަން އުޅުނު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް)ގެ އޮފިސަރަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޓެލިޖަންސްއަށް ލިބުނު މަޢުލޫމާތަކާއިގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތާ އެ ސަރވިސް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Ad
rt

މި އޮޕަރޭޝަންގައި އައްސޭރިޖަލަށް ވައްދަން މަސައްކަތް ކުރި މަސްތުވާތަކެތި ވަނީ ކަރެކްޝަންސާވިސްގެ އޮފިސަރަކާއި އެކު އަތުލައިގަނެވިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

''މި އޮފިސަރު ފުލުހުންވަނީ ހައްޔަރުކޮށްފައި އަދި އޭނާ ވަނީ މިސާވިސްގެ ޚިދުމަތުން ސަސްޕެންޑުކުރެވިފައި'' އަހްމަދު ވިދާޅުވިއެވެ.

މިފަދަ ކަންކަމުގައި މަދުންނަމަވެސް އޮފިސަރުން ބައިވެރިވާކަމީ އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށް ވެސް އޭނާ ވިދާޅުވެފަވެއެވެ.

މީގެ ކުރިން ވެސް ޖަލަށް މަނާތަކެތި ވެއްދުމުގައި ކަރެކްޝަނަލް ސާވިސްގެ ބައެއް އޮފިސަރުން ޝާމިލްވާ ބައެއް މައްސަލަތައް ވަނީ ފެންމަތިވެފައެވެ.