ސަރުކާރުގެ ސިޔާސަތަކީ އެ ޒުވާނެއްގެ ފަންނުން ކުރިއަށްދާން މަގުފަހިކޮށްދީ އުފެއްދުންތެރި އުފެއްދުންތެރި ޒުވާނުން ބިނާކުރުން ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ފަރުމާ އިންޓަރނޭޝަނަލް ޔޫތު އާޓް ފެސްޓިވަލް 2023 ހުޅުއްވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

އެމަނިކުފާނުގެ މިރޭގެ ވާހަކަފުޅުގައި ވަނީ، ދިވެހި ފަންނުވެރިކަން ހިމާޔަތްކޮށް ދިރުވައި އާލާކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރުން ޚާއްޞަ މިނިސްޓްރީއެއް އުފައްދާފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި ފަންނުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށާއި، ފަންނުވެރިންގެ ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އެ މިނިސްޓްރީން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

މި މައުޟޫގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެންމެ ޒަމާންވީ ސިނަމާ ނުވަތަ ތިއޭޓަރު، އޮލިމްޕަސް މިދިޔަ ފެބުރުވަރީ މަހު އަލުން ހުޅުވިއިރު، ވަރަށް މުހިންމު ބަދަލުތަކެއް އެތަނަށް ގެނެވިފައިވާކަމަށް ވިދާޅުވެފައެވެ. މިގޮތުން ފެންވަރު ރަނގަޅު މިޔުޒިކް ޝޯތައް ބޭއްވޭވަރަށް އޮލިމްޕަސް ތަރައްޤީ ކުރެވިފައިވާކަން ފާހަގަ ކުރެއްވިއެވެ.

“މިހާރު އޮލިމްޕަސް އެހުރީ، ރާއްޖެއިން އުވެމުންދާ ސްޓޭޖް ތަމްސީލް ކުޅުމުގެ ފުރުޞަތުތައްވެސް ފަހިވާގޮތަށް. މިޔުޒިކް ފަރިތަކުރުމާއި، ނެށުންތައް ފަރިތަކުރުމަށް ބޭނުންވާ ވަސީލަތްތައްވެސް ޤާއިމުކޮށްފައި ހުންނާނެ.” ރައީސް ވިދާޅުވިއެވެ.

މިރޭގެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ، ތަފާތު ދާއިރާތަކުގެ ހުނަރާއި ފަންނުވެރިކަން ހުރި ޒުވާނުން، އެ ދާއިރާތަކުން ކުރިއަރައި ދިޔުމަށް މަގު ކޮށައިދީ، އުފެއްދުންތެރި ޒުވާނުން ބިނާކުރުން ކަމަށެވެ.

ރާއްޖޭގައި ހީނަރުވެފައިވާ ނުވަތަ އުވެމުންދާ ބައެއް ފަންނުވެރިކަން އަލުން ދިރުވައި އާލާކުރުމަށް ވެސް ސަރުކާރުން އަންނަނީ ފުރުޞަތު ތަނަވަސްކޮށްދެމުން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.