ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ މިއަހަރުގެ ދެވަނަ ސެމިސްޓަރގެ ކޯސްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ޔުނިވަރސިޓީން ބުނީ މި ކޯސްތަކުގެ ތެރޭގައި މާސްޓަރސް ލެވެލްގެ 16 ކޯހަކާއި، ޕޯސްޓްގްރެޖުއޭޓް 1 ކޯހަކާއި، ބެޗްލަރސް ލެވެލްގެ 13 ކޯހަކާއި، އެސޯސިއޭޓް ޑިގްރީ / އެޑްވާންސްޑް ޑިޕްލޮމާގެ 2 ކޯހެއް ހިމެނޭ ކަމަށެވެ. އަދި ޑިޕްލޮމާގެ 9 ކޯހަކާއި އެކު ސެޓްފިކެޓް ލެވެލް ގެ 19 ކޯހެއް ހިމެނޭ ކަމަށެވެ.
ހުޅުވާލެވިފައިވާ ފުރުސަތުތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އެޑިޔުކޭޝަން، ޝަރީޢާ އެންޑް ލޯ، ފައިނޭންސް، އެކައުންޓިންގ، ފިޤްހް، ލީޑަރޝިޕް އެންޑް އެޑްމިނިސްޓްރޭޝަން ހިމެނޭ ކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ. އަދި ޖަރނަލިޒަމް، އިސްލާމިކް ސްޓަޑީޒް، ޤުރްއާން އަދި ލޭންގްއޭޖްގެ އެކި ކޯސްތައް ވެސް ހިމެނޭ ކަމަށް ބުނެއެވެ.
އެ ޔުނިވަރސިޓީން ބުނީި މި އަހަރުގެ ދެވަނަ ސެމިސްޓަރގައި އައިޔޫއެމްގެ ކޯސްތައް، ފުވައްމުލަކު ސިޓީ، ލ. ފޮނަދޫ، ހދ. ހަނިމާދޫ، ޅ. ނައިފަރުގެ އިތުރުން ސ. މީދޫގައި ޤާއިމު ކުރެވިފައިވާ އައި.ޔޫ.އެމްގެ ލާރނިންގ ސެންޓަރުގައި ކުރިއަށްދާނެ ކަމަށެވެ.
އިސްލާމީ ޔުނިވަރސިޓީއާއި ޔުނިވަރސިޓީގެ ލާރނިންގ ސެންޓަރުތަކުގައި ހިންގާ ޑިގްރީ ފެންވަރުގެ ހުރިހާ ކޯސްތަކަކީ ވެސް %100 ޓިއުޝަންފީ ހިލޭ ކޯސްތައް ކަމަށްވެސް ބުނެއެވެ.
މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ޖޫން 30 ވަނަ ދުވަހުގެ މެންދުރު 1 ޖެހުމުގެ ކުރިން އިސްލާމީ ޔުނިވަރސިޓީގެ ރިސެޕްޝަނަށް ހުށަހެޅުއްވުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، މި ޔުނިވަރސިޓީން ފޮނަދޫ އާއި ފުވައްމުލަކު ސިޓީ ގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ވަނުމަށް އެދި ހުށަހަޅާ ފޯމު އައި. ޔޫ. އެމް. ލާރނިންގ ސެންޓަރަށް (ލ. ފޮނަދޫ - ކުރީގެ ސިރާޖުއްދީން ޕްރީސްކޫލް) އަދި އައި. ޔޫ. އެމް. ލާރނިންގ ސެންޓަރަށް (ފުވައްމުލަކު ސިޓީ - ކުރީގެ މިސްކިތްމަގު އަންހެނުންގެ ކޮމެޓީ ޢިމާރާތް) ހުށަހެޅުއްވުމަށް ވެސް އެދިފައި ވެއެވެ.
ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ޔުނިވަރސިޓީގެ ރިސެޕްޝަނުން، އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ލ. ފޮނަދޫ އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ފުވައްމުލަކު ސިޓީން އަދި އައި.ޔޫ.އެމް ލާރނިންގ ސެންޓަރ ޅ. ނައިފަރުން ލިބެން ހުންނާނެ ކަމަށާއި އެ ޔުނިވަރސިޓީގެ ވެބްސައިޓުން www.ium.edu.mv ޑައުންލޯޑް ކުރެވޭނެ ކަމަށް ވެސް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!