މި އަހަރުގެ އޯލެވެލް، އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާން މިއަދު ފަށައިފިއެވެ.

މި އިމްތިހާނުގައި ފަށާފައިވަނީ މިއަދު ހެނދުނު 09:00 ގައެވެ.

Ad
rt

ރާއްޖޭގައި ޖުމުލަ 244 ސެންޓަރެއްގައި ކުރިއަށްދާ މި އިމްތިހާނުގައި މިއަދު އޮތީ އިސްލާމް މާއްދާގެ ޕޭޕަރެވެ.

މި އަހަރުގެ އިމްތިހާނުގައި ޖުމުލަ 6،107 ދަރިވަރުން ބައިވެރިވާއިރު، އެއީ މިދިޔަ އަހަރާ އަޅާބަލާއިރު، 444 ދަރިވަރުންގެ އިތުރު އަދަދެކެވެ.

އޯލެވެލް އިމްތިޙާން ނިމޭނީ ޖޫން މަހުގެ އަށް ވަނަ ދުވަހުއެވެ.

އެސްއެސްސީ އިމްތިހާނަށް ފަހު، ކެމްބްރިޖް އޯލެވެލް އިމްތިހާން ފެށުމަށް ނިންމާފައިވަނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ. އެ އިމްތިޙާނުގައި ޖުމުލަ 6،698 ދަރިވަރުން ބައިވެރިވާއިރު، އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 759 ދަރިވަރުންގެ އިތުރު އަދަދެކެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ އިމްތިޙާނަށް ދެ ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން ކުރީގައި އެންމެ ފުރަތަމަ ބާއްވަނީ އިސްލާމް މާއްދާގެ ޕޭޕަރު ދޭއް ނަމަވެސް މިފަހަރު އެންމެ ފުރަތަމަ އޮތީ އިސްލާމް ޕޭޕަރު އެކެކެވެ.

މީގެ އިތުރުން، ފާއިތުވި އަހަރުތަކުގައި އަތުކުރި ގަޑި އަޅައިގެން އިމްތިހާނުގައި ބައިވެރިވެވުނު ނަމަވެސް މިފަހަރަަކު ގަޑި އަޅައިގެން އިމްތިޙާންގައި ބައިވެރިއެއް ނުވެވޭނެއެވެ.

އެގޮތުން އާދައިގެ އަތުކުރި ގަޑިއެއް އިމްތިހާން ހޯލަށް ވެއްދުނު ނަމަވެސް، އެ ބާއްވަން ޖެހޭނީ އިންވިޖިލޭޓަރަށް ފެންނަ ގޮތަށް މޭޒުމަތީގައެވެ. އެ ބަދަލު ގެންނަން ނިންމީ ކޭމްބްރިޖުން ފޯރުކޮށްދޭ ހުރިހާ އިމްތިޙާނެއްގެ މައި އިދާރާ ޖޭސީކިޔުގެ ލަފާގެ މަތިންނެވެ.