ނޫނު އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ދެ ބުރީގެ ހޯލް އިމާރާތެއް އެޅުމުގެ އެއްބަސްވުމާ ކޮންޓެކްޓަރ ހިލާފްވެފައިވާކަމަށް ނިންމައި، އެ މައްސަލަ ޝަރީއަތަށް ހުށަހަޅަން ނ. އަތޮޅު ކައުންސިލުން ފާސްކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން މިދިޔަ އަންގާރަ ދުވަހު ނ. އަތޮޅު ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި ވިދާޅުވެފައި ވަނީ އެ އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތި ތެރޭގައި ދެ ބުރީގެ ހޯލް އިމާރާތެއް އެޅުމުގެ މަސައްކަތް 110 ދުވަސްތެރޭގައި ނިންމުމަށް ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑް (ކޮންޓްރެކްޓަރ) އަށް 13 ޑިސެމްބަރ 2020 ގައި ޙަވާލު ކޮށްފައިވާ ކަމަށެވެ.
އެ ކުންފުންޏާއި މި މައްސައްކަތް ހަވާލުކޮށްފައިވީ ނަމަވެސް، މަސައްކަތުގެ ތާވަލާއި އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދިޔުމުގެ ސަބަބުން، މަސައްކަތް ނިންމުމަށް އިތުރަށް ދެވުނު ފުރުޞަތުގައި ވެސް މަސައްކަތް ނިންމާފައިނުވާކަމަށް އެ ގަރާރުގައި ވިދާޅުވެފަވެއެވެ. އަދި މި މަސައްކަތުގެ އެއްބަސްވުން ބާތިލް ކޮށް ސައިޓް ހަވާލު ކުރުމަށް 11 އޮކްޓޯބަރ 2021 ގައި ކޮންޓްރެކްޓަރ އަށް އެންގިކަމަށް އެ ގަރާރުގައި ބަޔާންކުރައްވާފަވެއެވެ.
އެ އިމާރާތް ބިނާ ކުރުމުގެ ޕްރޮޖެކްޓް މުއްދަތަށް ނުނިންމުމާއި ގުޅިގެން ކައުންސިލަށް ލިބޭ ގެއްލުމުގެ ބަދަލާއި، ކައުންސިލަށް ލިބެންޖެހޭ އެންމެހާ ފައިސާ ހޯދުމަށް، ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑާއި އަދި، ޕްރޮޖެކްޓްގެ އިންޝިއުރަންސް ކުންފުނި ކަމަށްވާ ދިވެހި އިންޝިއުރަންސް ޕްރައިވެޓް ލިމިޓެޑާއި ދެކޮޅަށް ދައުވާކުރުމަށް ނިންމާ، އެކަމަށް ޤާނޫނީ ވަކީލުން އައްޔަން ކުރުމަށް ފާސްކުރަން ހުށަހަޅާކަމަށް އެ ގަރާރުގައި ބަޔާންކުރައްވާފަވެއެވެ.
ނޫނު އަތޮޅު ކައުންސިލްގެ އިދާރާގެ ގޯތިތެރޭގައި ދެ ބުރީގެ އިމާރާތެއް ކުރުމާއި ގުޅޭ މަސައްކަތު އެއްބަސްވުމައި ގުޅިގެން އަތޮޅު ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށްޓަކާ، ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑް، އަދި އެޑްވާންސް ޕޭމަންޓް އަދި ޕާރފޯމަންސް ގެރެންޓީ ދިން ފަރާތާއި ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅާ، މައްސަލަ ކުރިޔަށް ގެންދިޔުމަށްޓަކާ ޤާނޫނީ ވަކީލުގެ ގޮތުގައި ހުސައިން ރިޔާޟް އައްޔަން ކުރުމަށް، ނ. އަތޮޅުކައުންސިލުގައި ހިމެނޭ 14 މެންބަރުންގެ ތެރެއިން 9 މެންބަރުންގެ ވޯޓުން ފާސްކޮށްފައިވާ މި ގަރާރުގައި ވިދާޅުވެފަވެއެވެ.
މި ގާރާރުން ވަނީ މި މައްސަލަ ހިންގުމަށް އައްޔަނުކުރި ގާނޫނީ ވަކީލު ހުސައިން ރިޔާޟަށް އަތޮޅު ކައުންސިލްގެ ފަރާތުން ކޯޓުގައި އެ ކައުންސިލް ތަމްސީލްކޮށް، މި މައްސަލަ ކުރިއަށް ގެންދިޔުމަށް ބޭނުންވާނެ ގާނޫނީ ބާރުތައް ވެސް ދީފައެވެ.
އެ ގަރާރު ފާސްކުރި ބައްދަލުވުމަށް ހާޟިރުވެފައި ވަނީ 10 މެންބަރެކެވެ. މި ގަރާރު އެއްވެސް މެންބަރަކު ނުފެންނަ ކަމަށް ވޯޓު ދީފައިނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!