އަލިރަސްގެފާނު ޒިޔާރަތް އާބާތުރަފިލުވައި ބެލެހެއްޓުމަށް، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާ މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހެވެ. އަދި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ މަރުކަޒުގެ އިސްވެރިޔާ، އަދި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގެވެ.

Ad
rt

މި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ އިތުރުން، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި އެމްޑަބްލިއުއެސްސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގެ ދަށުން، އަލިރަސްގެފާނު ޒިޔާރަތް އާބާތުރަ ފިލުވައި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، އެ ޒިޔާރަތުގެ ފާރުތަކާއި ގޭޓުގައި ކުލައާއި ދަވާދުލައި، ދިދަ ދަނޑި މަރާމާތުކޮށް، ސަވޭލަންސް ކެމެރާ ހަރުކޮށް، އަދި އެތަން ޒީނަތްތެރިކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔުމަށް ރާވާފައިވާ މި މަސައްކަތްތަކަކީ، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ހާއްސަ ލަފައާއި އިރުޝާދުގެ ދަށުން އެމްޑަބްލިއުއެސްސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިޔަށްގެންދާ މަސައްކަތެކެވެ.

އެމްޑަބްލިއުއެސްސީން ބުނެފައިވާގޮތުގައި އަލިރަސްގެފާނު ޒިޔާރަތްފަދަ، ރާއްޖޭގެ މުއްސަނދި ސަގާފީ ތަރިކަ ފެންނަންހުރި ބިނާތައް، ރަނގަޅު ގޮތެއްގައި ބެލެހެއްޓުމަކީ އިހުގެ ސަގާފަތް، އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.