ބ. ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ 54 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންދެވިފައެވެ.
މި މަޝްރޫއުގެ ދަށުން، 30,933 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 5,085 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 181 މީޓަރުގެ ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 392 މީޓަރުގެ އެއްގަމުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ.
މީގެ އިތުރުން 1670 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 48.63 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!