ރ. މަޑުއްވަރީގައި ހިނގި ހާދިސާއެއްގައި އެރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްްޖީ) އަހުމަދު އަސްލަމް މިއަދު ނިޔާވެއްޖެ އެވެ.

އަސްލަމް ނިޔާވީ އެރަށުގައި މިއަދު ހިނގި ހާދިސާއެއްގައި ޕިކަޕަކާއި ފާރަކާއި ދެމެދު ފިތިގެން ކަމަށް މައުލޫމާތު ލިބެއެވެ.

Ad
rt

އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ އެސްޖީ އަސްލަމް ނިޔާވީ، ޕިކަޕް ފަހަތަށް ޖެއްސުމުގެ ތެރޭގައި ޕިކަޕް ފަހަތުގައި އެސްޖީ އަސްލަމް ހުންނަވަނިކޮށް ފާރާއި ޕިކަޕްދޭތެރޭ ފިތިގެންކަމަށެވެ. އަދި އެއީ ކައުންސިލް އިދާރާގެ ޕިކަޕެއް ކަމަށާއި، ޕިކަޕް އުޅުނީ ފަހަތަށް ގަރާޖަށް ވައްދަން ކަމަށް ވެސް އޭނާ ބުންޏެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މަޑުއްވަރީގައި ޕިކަޕެއް ފަހަތަށް ޖައްސާލި ވަގުތު ފަހަތުގައި ހުރި މީހެއްގެގައިގާ ޕިކަޕަކުންޖެހި ހާދިސާއެއް ހިނގާފައިވާ ކަމަށް މިއަދު މެންދުރުފަހު ފުލުހުންނަށް ރިޕޯޓުކޮށްފަވާކަމަށެވެ.

''އަނިޔާވި މީހާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ'' ފުލުހުން ވިދާޅުވެފަވެއެވެ.

މި ހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގައި ނިޔާވި އިރު އަސްލަމްގެ އުމުރަކީ 40 އަހަރެވެ. އޭނާގެ އަންބަކާއި ތިން ކުދިން ތިބެއެވެ.