އިޓާލިއަން ލީގުގައި ރޭ ނަޕޯލީއާއި ލެއްޗޭ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ބޮޑު ލީޑެއް ނަޕޯލީން ނަގައިފިއެވެ. ރޭ ލެއްޗޭ ދަނޑުގައި ކުޅުނު މެޗު ނަޕޯލީން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ.

މި މޮޅާއިއެކު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ނަޕޯލީއަށް ވަނީ 19 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. 1990 ވަނަ އަހަރުގެ ފަހުން އިޓާލިއަން ލީގުގެ ތަށި ނަޕޯލީން ކާމިޔާބު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އެ ޓީމަށް ލީގުގައި މިހާތަނަށް ކުޅުނު 29 މެޗުން ވަނީ 74 ޕޮއިންޓް ލިބިފައެވެ. ދެވަނާގައި އޮތް ލާޒިއޯއަށް 28 މެޗުން ލިބިފައި ވަނީ 55 ޕޮއިންޓެވެ.

Ad
rt

ޕޮއިންޓް ތާވަލުގެ ތިންވަނާގައި މިވަގުތު އޮތީ އޭސީ މިލާނެވެ. ރޭ މިލާނާއި އެމްޕޯލީ ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. މިލާނަށް 29 މެޗުން ލިބިފައި ވަނީ 52 ޕޮއިންޓެވެ. މިލާން އަތުން ޕޮއިންޓެއް ހޯދި އެމްޕޯލީ މިވަގުތު އޮތީ ތާވަލުގެ 14 ވަނާގައެވެ. އެ ޓީމަށް 29 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ.

ރޭ ސަލެނިޓާނާއާއި 1-1 ގެ ނަތީޖާއިން އެއްވަރުވި އިންޓަމިލާން މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނާގައެވެ. އިންޓައަށް 29 މެޗުން 51 ޕޮއިންޓް ވަނީ ލިބިފައެވެ. ރޭގެ މެޗުގައި އިންޓައަށް ހަވަނަ މިނެޓުގައި ލަނޑުޖަހައިދީ ލީޑު ހޯދައިދިނީ ރޮބިން ގޫސަންއެވެ. މެޗުގެ ނަތީޖާ ސަލެނިޓާނާއިން ހަމަހަމަ ކޮށްފައި ވަނީ 90 ވަނަ މިނެޓުގައި ކާޑެވާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ރޭ ނަޕޯލީއާއި ލެއްޗޭ ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ނަޕޯލީންނެވެ. މި ލަނޑު 18 ވަނަ މިނެޓުގައި ކިމް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލޮރެންޒޯއެވެ. ލެއްޗޭއިން ވަނީ ދެވަނަ ހާފުގެ ކުރީކޮޅު ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ފްރެންސިސްކޯއެވެ. މެޗުން ނަޕޯލީ މޮޅުވެފައި ވަނީ 64 ވަނަ މިނެޓުގައި ސަލެނިޓާނާގެ އެންޓޯނިއޯ ގައްލޯއަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ.