ސަފާ ގްރޫޕުގެ އުމްރާވެރިންނަށް ވިސާ ނުލިބިގެން ނުފުރުނު މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް އިސްލާމިކް މިނިސްޓްރީން ހަދާފައިވާ ވައިބަރ ގްރޫޕުގައި އެ މިނިސްޓްރީގެ ފަރާތުން އިސްމާއިލް އަފްރާހު ވިދާޅުވެފައިވަނީ އަލް ސަފާ ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން މި ރަމަޟާން މަހު އުމްރާއަށް ގެންދަން ހަމަޖެހިފައިވާ އުމްރާވެރިން، އުމްރާއަށް ގެންދިއުމުގައި މައްސަލަތަކެއް ދިމާވެ، އުމްރާއަށް ނުފުރޭކަމުގެ ޝަކުވާ މިއަދު ލިބިފައިވާ ކަމަށެވެ.

Ad
rt

އެހެންވެ، އެކަން ހިނގާފައިވާ ގޮތް، މިނިސްޓްރީން ވަރަށް ގާތުން ބަލަމުން އަންނަކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ސަފާ ހައްޖު އެންޑް އުމުރާ ގުރޫޕުން މިއަހަރުގެ ރަމަޟާން މަހުގެ އުމްރާ ދަތުރު، ކެންސަލް ކޮށްފައިވަނީ އެންމެ ފަހު ވަގުތުއެވެ. އެއީ ސައުދީން ވިސާ ހަމަ ނުޖެހޭ ކަމަށް ބުނެއެވެ.

އެ ގްރޫޕުގެ އުމްރާވެރިންނަށް ވައިބަރ މެދުވެރިކޮށް ފޮނުވާފައިވާ މެސެޖެއްގައި ބުނީ މިއަދު ހެނދުނު އުމްރާއަށް ފުރަން ހުރިހާ ކަމެއް ހަމަޖެހިފައިވީ ނަމަވެސް އަދިވެސް ސައުދީން ވިސާ ދޫކޮށްފައި ނުވާ ކަމަށެވެ. އަދި އެއްވެސް ބޭފުޅަކު ފުރަން އެއާޕޯޓަށް ނުދިއުމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ފޮށި ތައް ބަލާ ދިއުމަށް އެދިފައިވާއިރު، މި މައްސަލައިގައި ކުރިއަށް ދާނެ ގޮތް ފަހުން އަންގާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.