ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި، ރީ ރެޖިސްޓްރީ ވުމަށް މި މަހުގެ 30ގެ ނިޔަލަށް ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ ގުރައިދޫ، މާފުށި އަދި ގުޅީގެ ރައްޔިތުންގެ ތެރެއިން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ރަޖިސްޓަރީވާން އެދޭ ފަރާތްތަކުން ކަމަށެވެ.
މިހާރު ރަޖިސްޓަރީވެފައިވާ ރަށް ނޫން ރަށަކަށް ވޯޓުލާން ބޭނުންނަމަ، މި މުއްދަތުގެ ތެރޭގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓަރީ ކުރަންވާނެ ކަމަށާއި އެހެން ނޫން ނަމަ އެމީހަކު ވޯޓުލާން ޖެހޭނީ މިހާރު ރަޖިސްޓްރީވެފައިވާ ތަނެއްގައި ކަމަށް އީސީ އިން ބުނެއެވެ.
އީސީ އިން ބުނީ ރަޖިސްޓްރީވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ އިލެކްޝަންސް ކޮމިޝަނުގެ މައި އިދާރާއަށް ވަޑައިގެން ފޯމު ހުށަހަޅައިގެން ކަމަށެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެމްބަރުކަމުގައި ހުންނެވި އިބްރާހީމް ރިޟާ ކެންސަރުގެ އާލާސްކަންފުޅެއްގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު އަވަހާރަވުމުންނެވެ. އެ ދާއިރާގެ މެންބަރުކަމުގައި ތިންވަނަ ދައުރު ފުރިހަމަކުރައްވަމުން ދަނިކޮށް އޭނާ އަވަހާރަވީ މިދިޔަ ފެބްރުއަރީ މަހު އެވެ.
އެ ދާއިރާގެ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައިވަނީ ޕީޕީއެމް، ވެރިކަންކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަދި އެމްއެންޕީންނެވެ.
މި އިންތިޚާބުގައި ކެންޑިޑޭޓް ނަންބަރު އެކެއް ލިބުނީ ޕީޕީއެމްގެ މެންބަރު ޙުސައިން ރިޟާ އަށެވެ. ކެންޑިޑޭޓް ނަންބަރު ދޭއް ލިބުނީ އެމްޑީޕީން ކުރިމަތިލީ އިބްރާޙިމް ޝާޒްއަށެވެ. އަދި ކެންޑިޑޭޓް ނަންބަރު ތިނެއް ލިބުނީ އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފްއަށެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 15 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!